ރާއްޖޭގެ ފަތުރުވެރިކަމާއި މެހެމާންދާރީ އަދި ކާބޯތަކެތީގެ ސިނާޢަތަށް ޚާއްޞަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް މައުރަޒު ކަމަށްވާ "ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް" (އެފްއެޗްއޭއެމް) 2026 ގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބައިވެރިވެއްޖެއެވެ.
ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓެލްގައި މިއަދު ރަސްމީކޮށް ފެށި މި އެކްސްޕޯ ކުރިއަށްދާނީ ސެޕްޓެންބަރު 7 އިން 9 ގެ ނިޔަލަށެވެ. މިއީ މި ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން އެއްތަންވެ، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި އައު އުފެއްދުންތަކާއި ޒަމާނީ އީޖާދުތައް ތަޢާރަފުކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
މި މައުރަޒުގައި ޤާއިމުކޮށްފައިވާ މިފްކޯގެ ޚާއްޞަ ސްޓޯލުން އެ ކުންފުނީގެ މައިގަނޑު އުފެއްދުންތައް އަންނަނީ ދައްކާލަމުންނެވެ. އޭގެ ތެރޭގައި ފިނިކުރި މަހުގެ ބާވަތްތަކާއި، ކުންފުނީގެ މަޤްބޫލު "ރަންވަރު" ބްރޭންޑުގެ އުފެއްދުންތަކުގެ އިތުރުން މިފްކޯގެ އެހެނިހެން މަހުގެ އުފެއްދުންތައް ހިމެނެއެވެ. އަދި މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް މި ތަކެތި ސްޓޯލުން ވިއްކުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މީގެއިތުރުން، އެކްސްޕޯއާ ދިމާކޮށް މިފްކޯއިން ވަނީ ޚާއްޞަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އެގޮތުން ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ރަޖިސްޓަރީވެގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މިފްކޯއިން ބުނީ، މި މައުރަޒުގައި ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާއަށް ދިވެހި އުފެއްދުންތައް ފޯރުކޮށްދިނުމުގައި އެއްބާރުލުން ފުޅާކުރުމާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކަށާއި ޢާންމު ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ރާއްޖޭގެ މަހުގެ ބާވަތްތައް އިޝްތިހާރުކޮށް މާކެޓް ފުޅާކުރުން ކަމަށެވެ. އެހެންކަމުން މައުރަޒު ކުރިއަށްދާ މުއްދަތުގައި ވީހާވެސް ގިނަ ފަރާތްތަކުން މިފްކޯގެ ސްޓޯލަށް ޒިޔާރަތްކުރުމަށް އެ ކުންފުނިން ދަޢުވަތު އަރުވައެވެ.