މާލޭގައި ތަރައްޤީކުރާ ޒަމާނީ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" ޢިމާރާތްކޮށް ނިމުމުން، އެތަން ހިންގުމުގެ އެންމެހައި މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ހަވާލުކުރަން ނިންމައިފިއެވެ.
މިކަން އިޢުލާނުކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސް ވިދާޅުވީ، މަސްވެރިންނާއި ދަނޑުވެރިންނަށް ޚާއްޞަކޮށްގެން އަޅާ މި މާކެޓް ހިންގުން މިފްކޯއާ ހަވާލުކުރުމަށް މިއަދު ނިންމާފައިވާ ކަމަށެވެ.
"މާލޭގަ މިހާރު ސަރުކާރުން އަޅަން ފަށަން ނިންމާ، އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރީތައް ވަމުންދާ މިކްސްޑް މާކެޓް—އާދެ، މަސްވެރިންގެ އަދި ދަނޑުވެރިންނާ އެކި ފަރާތްތަކުގެ ތަކެތި ވިއްކުމަށްޓަކައި ޤާއިމުކުރާ ޒަމާނީ ސްޓޭޓް އޮފް ދި އާރޓް މާކެޓް—މި މާކެޓް ހަދާ ނިމުމުން އެތަން ހިންގާ އޮޕަރޭޓްކުރުން ޙަވާލުކުރެވޭނީ މިފްކޯއާ. އެކަން ކުރުމަށްވެސް މިއަދު މިވަނީ ނިންމާފަ،" ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މި ނިންމެވުމުގެ މައިގަނޑު ބޭނުމަކީ ދަޢުލަތުގެ ބަޖެޓުން އިތުރަށް ޚަރަދުކުރަން ނުޖެހި، ދެމެހެއްޓެނިވި ވިޔަފާރި އުސޫލަކުން ތަން ހިންގުމެވެ.
"އެއީ ދެމެހެއްޓެނިވި ގޮތެއްގަ އެތަން ރަންކުރެވި، ޢާންމު ވިޔަފާރިތަކަށް، ޢާންމު ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް، ސަރުކާރުން ޚަރަދުކުރަން ނުޖެހޭ ގޮތަށް، ރަނގަޅަށް ބެލެހެއްޓޭނެ ގޮތަށް ހިންގުމަށްޓަކައި،" އެމަނިކުފާނު ވިދާޅުވިއެވެ.
މަޝްރޫޢުގެ ތާވަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިމާވި ބައެއް ދަތިތަކާ ހުރެ މަސައްކަތް ފެށުން ލަސްވި ނަމަވެސް، މިހާރު އެ ހުރަސްތައް ގިރާކުރެވިފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ޑިސެމްބަރު 10ގެ ނިޔަލަށް މާކެޓްގެ މަސައްކަތް އެއްކޮށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި ސަރުކާރުން ތަރައްޤީކުރާ "ވެޓް މާކެޓް ކޮމްޕްލެކްސް" އަކީ ޖުމްލަ 126.4 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. ޓްރަސްޓިންގ މޯލްޑިވްސްއާ ހަވާލުކޮށްގެން ތަރައްގީކުރާ މި އިމާރާތުގައި މަސް މާރުކޭޓާއި ލޯކަލް މާރުކޭޓުގެ އިތުރުން 400 ސައިކަލުގެ ޕާކިންގ ޒޯނަކާއި، އެންމެ މަތީ ފަންގިފިލާގައި ފުޑް ކޯޓެއް ހިމެނޭހެން އެކި ޚިދުމަތްތައް ޤާއިމުކުރެވިގެންދާނެއެވެ. ޖުމްލަ 6 ފަންގިފިލާއަށް ތަރައްޤީކުރާ މި ކޮމްޕްލެކްސްގެ މަސައްކަތް ފެށުމަށްޓަކައި މިހާރު ހުރި ލޯކަލް މާރުކޭޓު ހުސްކުރުމުގެ މަސައްކަތް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު އަންނަނީ ކުރަމުންނެވެ.
ވެޓް މާކެޓް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް މިފްކޯއާ ހަވާލުކުރަން ނިންމި ނިންމުމަކީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)، މިފްކޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެން ނިންމި ނިންމުމެކެވެ.