ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ކުންފުނިތައް ހަރުދަނާކޮށް ހިންގުމަށް ކުރިއަށްގެންދާ "ރައިޓް ސައިޒިންގ" ސިޔާސަތުގެ ދަށުން، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސް ވިދާޅުވީ، އެގްރޯނެޓް މިފްކޯގެ ސަބްސިޑިއަރީއެއްގެ ގޮތުގައި ހަމަޖެއްސުމުން ދެ ކުންފުންޏަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
"މިފްކޯއާ އެގްރޯނެޓާ ސަބްސިޑިއަރީއެއްގެ ގޮތުގަ ގުޅިގެންދިއުމުން ޙާޞިލްވެގެންދާނެ ވަރަށް ގިނަ އިކޮނޮމީސް އޮފް ސްކޭލް އެބަހުރި. އެއް ކުންފުނި އަނެއް ކުންފުންޏާ އެކުގަ ކުރެވިގެންދެވިދާނެ ކިތަންމެ ކަމެއް އެބަހުރި،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި އެގްރޯނެޓުގެ ވިޔަފާރި ފުޅާކުރުމަށާއި، ސަރުކާރުގެ ކާބޯތަކެތީގެ ރައްކާތެރިކަން (ފުޑް ސެކިއުރިޓީ) ޓާގެޓް ހާސިލުކުރުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތް ގުޅިގެން މަސައްކަތްކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ދަނޑުވެރިކަމާއި މަސްވެރިކަން އެކުއެކީގައި ކުރިއަށްގެންދެވޭނެ އިންތިޒާމުތައް ހަމަޖެހުމުން، އެކަމުގެ ފައިދާ ސީދާ ޢާންމު ރައްޔިތުންނަށް ކުރާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މާލޭގައި އަޅަން ނިންމާފައިވާ ޒަމާނީ "މިކްސްޑް މާކެޓް" އިމާރާތްކޮށް ނިމުމުން، އެތަން އޮޕަރޭޓްކުރުންވެސް ހަވާލުކުރާނީ މިފްކޯއާ ކަމަށް ރައީސް މިއަދު އިއުލާނުކުރެއްވިއެވެ.
"މާލޭގަ މިހާރު ސަރުކާރުން އަޅަން ފަށަން ނިންމާ، އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރީތައް ވަމުންދާ މިކްސްޑް މާކެޓް—އާދެ، މަސްވެރިންގެ އަދި ދަނޑުވެރިންނާ އެކި ފަރާތްތަކުގެ ތަކެތި ވިއްކުމަށްޓަކައި ޤާއިމުކުރާ ޒަމާނީ ސްޓޭޓް އޮފް ދި އާރޓް މާކެޓް—މި މާކެޓް ހަދާ ނިމުމުން އެތަން ހިންގާ އޮޕަރޭޓްކުރުން ޙަވާލުކުރެވޭނީ މިފްކޯއާ،" ރައީސް ވިދާޅުވިއެވެ.
އެ މާކެޓާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އަމާޒަކީ ސަރުކާރުން އިތުރަށް ޚަރަދުކުރަން ނުޖެހޭނެ ފަދަ ދެމެހެއްޓެނިވި އުސޫލަކުން، ޢާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް އެންމެ ފައިދާވާނެ ގޮތަށް އެތަން ހިންގުން ކަމަށެވެ. އަދި ބައެއް ދަތިތަކާ ހުރެ މަޝްރޫޢު ކޮންމެވެސް ވަރަކަށް ލަސްވި ނަމަވެސް، މިހާރު އެ ގޮންޖެހުންތައް ހައްލުކުރެވިފައިވާ ކަމަށާއި، އަންނަ އަހަރުގެ ޑިސެމްބަރު 10ގެ ނިޔަލަށް އެ މާކެޓްގެ މަސައްކަތް އެއްކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރުމާއި، އާރްޑީސީ އެމްޓީސީސީއާ އެއްކޮށްލުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.