ހުޅުމީދޫ އިރުން ގާތްގަނޑަކަށް 5 މޭލު ބޭރުގައި އަޅާފައި އޮއްވައި ކަނޑައިގެން ގޮސް އޮޔާދަނިކޮށް ފެނުނު ސްޕޯޓްސް ފިޝިންގ (ވަދު) ކަނދުފަތީގެ ބޮއެ، ހުޅުދޫ "އާޝާން" ދޯނިން ނަގައި ރައްކާތެރިކަމާއެކު އެއްގަމަށް ގެނެސްދީފިއެވެ.

ކަނޑައިގެން ގޮސްފައިވަނީ އެ ސަރަޙައްދުގައި އަޅާފައި އޮތް ކަނދުފަތި ނަންބަރު RO9VO2-01 ގެ ބޮއެވެ. މި ބޮއެ އޮޔާދަނިކޮށް ފެނުމާއެކު "އާޝާން" ދޯނީގެ ފަޅުވެރިން ވަނީ ވަގުތުން އެ ނަގައި އެއްގަމަށް ގެނައުމުގައި ނަމޫނާ މަސައްކަތެއް ކޮށްދީފައެވެ. މިކަމާ ގުޅިގެން މަސްވެރިންނާއި ޢާންމުން ދަނީ "އާޝާން" ދޯނީގެ ފަޅުވެރިން ކުރި މަސައްކަތަށް ޝުކުރު އަދާކުރަމުންނެވެ. އަދި ދައުލަތުގެ މިފަދަ އަގުބޮޑު ވަސީލަތްތައް ކަނޑައިގެންދާއިރު މަސްވެރިން އެ ތަކެތި ސަލާމަތްކޮށް އެއްގަމަށް ގެނެސްދިނުމުން، އެ ތަކެއްޗާ ޙަވާލުވެ ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުމަކީ ކައުންސިލްތަކުގެ ޒިންމާއެއްކަންވެސް މަސްވެރިން ވަނީ ފާހަގަކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މަސްވެރިކަމަށް އަޅާފައި ހުންނަ ބޮއެތައް ކަނޑައިގެން ދިއުމުން ކައުންސިލުން ރަސްމީގޮތެއްގައި މިނިސްޓްރީއަށް އަންގަންޖެހެއެވެ. އަދި ވަކި އުސޫލެއްގެ މަތީން މިނިސްޓްރީގެ ފަރާތުން އަލުން އަޅަންޖެހިއްޖެ ހާލަތެއްގައި ކަނޑުފަތި އަލުން އަޅައި، އަދި މަރާމާތުކުރަން ޖެހިއްޖެނަމަ އެކަން ކުރަމުންދެެއެވެ. އަދި ކަނޑައިގެންދާ ކަނދުފަތި މިނިސްޓްރީއާ ހަވާލުކުރުމުން އެ ހަވާލުކުރާ ފަރާތަކައް އިނާޔަތެއްެވެސް ދެއެވެ.

އައްޑު އަތޮޅުގެ ވަދު ކަނދުފަތީގެ އިތުރުން ގިނަ ދޮށީ ކަނދުފަތިތައްވެސް ވަނީ ކަނޑައިގެން ގޮސްފައެވެ. ބައެއް ކަނދުފަތި ކަނޑައިގެން ދިޔަތާ ވަރަށް ގިނަ ދުވަސްވެއްޖެއެެވެ. އެއަތޮޅު މަސްވެރިން ބުނީ ސަރުކާރުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ކަނޑައިގެންދާ ކަނދުފަތިތައް ވީހާވެސް އަވަސް ފުރުސަތެއްގައި އަޅައިދިނުމަކީ އެމީހުންގެ ވަރަށް ބޮޑު އުންމީދެއްކަމަށެވެ.

އައްޑޫގެ އިތުރުން ދެކުނު ސަރަހައްދުގެ ބައެއް އަތޮޅުތަކުގެ ވަދުކަނދުފަތިތައް ކަނޑައިގެން ގޮސްފައިވާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިނިސްޓްރީން ބުނެފައިވަނީ މި ހަފުތާގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް ފަށާނެކަމަށާއި، މިފަހަރު އިސްކަމެއް ދޭނީ ދެކުނުގެ ކަނޑައިގެންގޮސްފައިވާ ކަނދުފަތިތައް އެޅުމަށް ކަމަށެވެ.

ރާއްޖޭގެ ކަނދުފަތީގެ ވިއުގައިގައި މިވަގުތު ޖުމްލަ 99 ކަނދުފަތި އެބައޮތެވެ. އޭގެތެރޭގައި ހިމެނެނީ ދޮށީ މަސްވެރިކަމަށް ޚާއްސަ 47 ކަނދުފައްޗާއި މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ 52 ކަނދުފައްޗެވެ. ކަނޑައިގެންދާ ކަނދުފަތި އެޅުމުގައި ލަސްވަމުންދަނީ، މިވަގުތު ރާއްޖޭގައި ކަނދުފަތި ތައްޔާރުކުމުގެ މަސައްކަތް ކުރަމުންދަނީ އެންމެ މަރުކަޒަކުން ކަމަށްވެފައި ކަނޑައިގެންދާ ކަނދުފަތީގެ އަދަދު އިތުރުވެ، އެ އުފެއްދުމަށްދާ ވަގުތާއި އަދި އެކަމަށް ދާ ޚަރަދު ބޮޑުވުމުގެ ސަބަބުންނެވެ. މިކަން ހައްލުކުރުމަށް ސަރުކާރުން މިހާރުވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ތަރައްގީކުރާ މަރުކަޒުތަކެއް ގާއިމުކުރުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައެވެ.