މ. ނާލާފުށީގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށާއި މެރިކަލްޗަރ ފަދަ އައު ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުން، އެ ރަށު ކައުންސިލުން މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބާއި އެ ވުޒާރާގެ ކަމާބެހޭ އިސް ވެރިންނެވެ.

މި ބައްދަލުކުރެއްވުމުގައި ނާލާފުށީގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުޞަތުތަކުގެ އިތުރުން، ކައުންސިލްގެ އިސްނެގުމުގެ މަތިން މި ދާއިރާތަކުން ރަށުގައި ހިންގުމަށް ރާވާފައިވާ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ދެފަރާތުން މަޝްވަރާކުރެއްވިއެވެ. ޚާއްޞަކޮށް، ރަށުގެ އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި މެރިކަލްޗަރ އަދި ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ހިންގިދާނެ ތަމްރީނު ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު މިނިސްޓްރީން ވަނީ ކައުންސިލާ ޙިއްޞާކުރައްވާފައެވެ.

މީގެއިތުރުން، މަސްވެރިންނަށާއި ދަނޑުވެރިންނަށް މިހާރު ދިމާވަމުންދާ ދަތިތަކާއި ގޮންޖެހުންތައް ވުޒާރާއިން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، އެކަންކަމަށް އަވަސް ޙައްލުތަކެއް ހޯއްދަވައިދެއްވުމަށް މިނިސްޓްރީން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މި ބައްދަލުވުމުގައި ވުޒާރާގެ އިސްވެރިން ވަނީ ފާހަގަކުރައްވާފައެވެ.