ކުޑައިރު އާއިލާ މެންބަރުން ދަތުރު ދާއިރު ނުގެންގޮސް ބަހައްޓާފާނެތީ ބޮއްކުރަލުގެ މަޑުދަށުގައި ފިލައި އޮތް އެ ކުޑަކުޑަ ކުއްޖާއަކީ މިއަދު މުޅި ހުވަދުއަތޮޅު ފަޚުރުވެރިވާ ފިސާރި ހިތްވަރުގަދަ މާ ކެޔޮޅެކެވެ. މިއަދު އޭނާ ބަހައްޓާފައި ފުރާނެ މީހަކު ނެތެވެ؛ މިއަދު އޭނާއަކީ އެތައް ފަޅުވެރިންނެއް ގޮވައިގެން ބިޔަ ރާޅުތައް ކަފަމުން ދަތުރުކުރާ ކުޅަދާނަ ކެޔޮޅެކެވެ. މިއީ ގއ. ކަނޑުހުޅުދޫ މުޝްތަރީގޭ އަބްދުﷲ ދީދީ، އާންމު ނަމުން ނަމަ އެންމެންގެ ލޯބިވާ "ރީތިބޭ"ގެ އިބްރަތްތެރި ހަޔާތުގެ ވާހަކައެވެ.
ރީތިބޭގެ މުޅި އުމުރުގެ ބޮޑުބައި ހޭދަކުރީ ކަނޑު މަތީގައެވެ. ކަނޑަށް އޮތް ލޯބި ފެށުނީ އުމުރުން އެންމެ 11 އަހަރުގައެވެ. އާއިލާގެ މީހުން މޫދަށާއި ފަރުމައްޗަށް ދާން އުޅޭ ވަގުތު، ނުގެންގޮސްދާނެތީ ބޮއްކުރާގެ މަޑުފިލާ ދަށަށް ވަދެ އޭނާ ފިލައެވެ. ފުރައިގެން ވަކި ހިސާބަކަށް ދާއިރު މަޑުދަށުން ބޯ ދިއްކޮށްލާ މި ކުޑަ އަބްދުﷲ ނޫން މީހަކު ނުފެނެއެވެ. ބޮޑުދައިތަ އައިސައްތައާ އެކު ހަސަންބެއްޔާގެ ބޮއްކުރާގައި މާވަރުލަށް ބޮލި ހިލަން ދިޔަ ދަތުރަކީ ކަނޑުގެ ސިހުރުގައި އޭނާ ޖެހުނު ފުރަތަމަ ހަނދާނެވެ.
ޅައުމުރުގައި މާލެ ބަދަލުވެ، 19 އަހަރުގައި "ޑޭ ޓްރާންސްޕޯޓް" އާ ގުޅި ފެރީތަކާއި ޓޫރިސްޓް ސަފާރީތަކުގެ ހުންގާނު ހިފަން ފެށިއެވެ. ސަފާރީތަކާއި ޔޮޓްތަކުގައި ހޭދަކުރި ދުވަސްތަކުގައި، ކަނޑުގެ ރީތިކަމުގެ އިތުރުން އޭގެ ބިރުވެރިކަންވެސް ތަހައްމަލުކުރިއެވެ. ހަޔާތުގައި ދިމާވި އެންމެ ނާމާން ހާދިސާއަކީ ލ. މާމެންދޫއިން ފުރައިގެން ހުވަދޫ ކަނޑު ހުރަސްކޮށް ގދ. ތިނަދުއަށް ކުރި ދަތުރެވެ. ބޯކޮށް ވާރޭވެހި، ހޮޅިނަގާ ބިޔަ ރާޅުތައް ބޯމަތިން ބިންދައިލިއިރު، ދޯނީގައި ތިބި 4 ބިދޭސީންނާއި ޒުވާން ކުއްޖަކު ގޮވައިގެން ހުންގާނުން އަތްދޫނުކޮށް އޭނާ ހިފެހެއްޓިއެވެ. ކީރިތި ޤުރުއާން ކިޔަވަމުން، ލޮލުން ކަރުނަ އޮއްސަމުން ކަނޑުމަތީގައި މުޅި ދުވަސް ހޭދަކޮށް ތިނަދުއަށް ބަނދަރުކުރެވުނީ އުއްމީދު ކަނޑާނުލާ ކުރި ހިތްވަރުންނެވެ. އެހެންވެ، އަމިއްލަ ނަފްސަށް "ކަނޑު ފުރޭތަ"އެކޭ ވެސް އޭނާ މަޖަލަކަށް ބުނެއުޅެއެވެ.











