ގދ. ރަތަފަންދޫ ފަޅުތެރޭގައި ފާނަ އާލާކޮށް ގެންގުޅުމަށްޓަކައި ފާނަ ކޮށި އެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
ރަތަފަންދޫ ކައުންސިލުން މިދިޔަ ބުދަދުވަހު ގެޒެޓްކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށެވެ.
ރަތަފަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެގެން ނުވަތަ އެ އިދާރާގެ ރަސްމީ އީމެއިލް (info@rathafandhoo.gov.mv) މެދުވެރިކޮށް ކަމަށް އެ ކައުންސިލުން ބަޔާންކުރެއެވެ. މީގެއިތުރުން، ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ޕްރޮޕޯސަލެއް ބަލައިނުގަނެވޭނެ ކަމަށް ރަތަފަންދޫ ކައުންސިލުން ހާމަކުރެއެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި ރަތަފަންދޫ ކައުންސިލްގެ ފޯނު ނަންބަރު 6841626 އާ ގުޅުމަށް އެ އިދާރާއިން އެދެއެވެ.











