ގއ. ދާންދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަނޑާއި، ފަރާއި، ފަޅުގެ ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުމާއި، އެކިއެކި ބޭނުންތަކަށް ހަވާލުކުރުމުގެ އިތުރުން ފީ ނެގުމާ ގުޅޭގޮތުން އެކުލަވާލި ޚާއްޞަ ޤަވާޢިދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، އެ ޤަވާޢިދަށް ރަސްމީކޮށް ޢަމަލުކުރަން ފަށައިފިއެވެ.
ދާންދޫ ކައުންސިލުން ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެކުލަވާލި މި ޤަވާޢިދުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ އުރަފަށުން ފެށިގެން 700 މީޓަރުގެ ސަރަޙައްދުގައިވާ ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް، ރަށަށް އާމްދަނީ އިތުރުކުރުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.
މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމާއެކު، ދާންދޫ އިޚްތިޞާޞްގައި ހިމެނޭ ޑައިވިންގ ޕޮއިންޓްތަކަށް ފީނޭނީ ކައުންސިލުގައި ރަޖިސްޓްރީ ކޮށްގެންނެވެ. ދާންދޫ ކައުންސިލުން ކަނޑައަޅާފައިވާ ގޮތުން، ރަޖިސްޓްރީކޮށްގެން ޑައިވްކުރާ ރިސޯޓް، ސަފާރީ އަދި ގެސްޓްހައުސްތަކުން މަހަކު 100 ޑޮލަރު، ސީއެސްއާރު އެހީތެރިކަން ދޭ ފަރާތްތަކުން މަހަކު 50 ޑޮލަރު އަދި ރަޖިސްޓްރީ ނުކޮށް ފީނާ ފަރާތްތަކުން ބޮލަކަށް ދުވާލަކު 50 ޑޮލަރު ދައްކަންޖެހެއެވެ. ނަމަވެސް، ރަށުގެ ޢާންމު ޑައިވަރުންނާއި، ތަޢުލީމީ އަދި ރަސްމީ ބޭނުންތަކަށް ކުރާ ޑައިވްތަކުން މި ފީ ނުނަގާނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.
ފަޅުން ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ރޭޓްތަކަށް ބަލާއިރު، ފާނައާއި، އިހި އަދި ހުއިފިލަނޑާ އާލާކުރުމަށް މަހަކު އަކަފޫޓަކަށް މަދުވެގެން 25 ލާރި (ގިނަވެގެން 6 މަހުގެ ގްރޭސް ޕީރިއަޑަކާއެކު) އަދި މޫދުވިނަ އާލާކުރަން އަކަފޫޓަކަށް މަދުވެގެން 50 ލާރި ވަނީ ކަނޑައަޅާފައެވެ. ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ރަށުގެ ރަށްވެއްސަކަށް ނުވާނަމަ މަހަކު އަކަމީޓަރަކަށް 2.00 ޑޮލަރު، ރަށްވެއްސެއް ނަމަ 0.75 ޑޮލަރު އަދި ބޯޓްޔާޑާއި ފެކްޓްރީތަކަށް އަކަފޫޓަކަށް މަދުވެގެން 1.50 ރުފިޔާ ނަގާ ގޮތަށް ދާންދޫ ކައުންސިލުން ވަނީ ނިންމާފައެވެ.
މީގެއިތުރުން، ފަޅު ހިއްކައިގެން މަސައްކަތްކުރާ ފަރާތްތަކަށް އެންމެ ބޮޑުވެގެން ދޫކުރެވޭނީ 50,000 އަކަފޫޓު ކަމަށާއި، މިފަދަ ބިންތައް އެންމެ ދިގު މުއްދަތަކަށް ދޫކުރެވޭނީ 90 އަހަރަށް ކަމަށް ދާންދޫ ކައުންސިލުން ހާމަކުރެއެވެ. އަދި ބޭރުގެ ކުންފުނިތަކަށް ފަޅުން ބިން ކުއްޔަށް ދެވޭނީ 66 އަހަރަށް ކަމަށްވާއިރު، ރަށުގެ އިރުދެކުނު ފަރާތުން އަލަށް ހިއްކި ބިމާއި ކޯޒްވޭ ސަރަޙައްދުން އެއްވެސް ބޭނުމަކަށް ބިން ދޫކުރުން ވަނީ މަނާކޮށްފައެވެ.
ޤަވާޢިދުގައިވާ ގޮތުން، ބިން ޙަވާލުކުރާތާ 12 މަސްދުވަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ނުފަށައިފިނަމަ 50,000 ރުފިޔާއިން ޖޫރިމަނާކޮށް، އިތުރުވާ ކޮންމެ މަހަކަށް 5,000 ރުފިޔާގެ ބަދަލެއް ނަގާނެ ކަމަށް ދާންދޫ ކައުންސިލުން ބަޔާންކުރެއެވެ. އަދި ފަޅާއި ފަރުގެ ދިރުންތަކަށް ގެއްލުންދޭ ފަރާތްތަކާއި ހުއްދަނެތި ފަޅުގެ ދިރުންތައް ނަގާ ފަރާތްތަކާމެދު 2,000 ރުފިޔާއިން ފެށިގެން 10,000 ރުފިޔާއާ ހަމައަށް ޖޫރިމަނާގެ ފިޔަވަޅު އަޅަން ދާންދޫ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.