ހައްދުންމަތީ ގަމުގައި ޒަމާނީ ފެންވަރަށް މަސް އާލާކުރުމާއި ، އޯގަނިކް ކާދު އުފައްދާ މަރުކަޒެއް ޤާއިމުކުރުމަށްޓަކައި އިންވެސްޓަރަކު ހޯދުމަށް އެރަށު ކައުންސިލުން އިޢުލާންކޮށް ބީލަމަށް ހުޅުވާލައިފިއެވެ.
ގަމު ކައުންސިލުން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢު ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 8 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެ، ބީލަމުގައި ރަޖިސްޓްރީވާން ޖެހެއެވެ. ބިޑް ފޮތުގެ އަގަކީ 1,000 (އެއްހާސް) ދިވެހި ރުފިޔާއެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ކައުންސިލްގެ އެކައުންޓް (7707700315001) އަށް ފައިސާ ޖަމާކުރުމަށްފަހު، ސްލިޕް ކައުންސިލްގެ ވައިބަރ ނަންބަރު 7611515 އަށް ފޮނުވުމުން ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި މަޝްރޫޢާ ގުޅޭ މުހިންމު ތާރީޚުތަކަށް ބަލާއިރު:
ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި: 08 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00
މަޢުލޫމާތު ދިނުމުގެ ސެޝަން: 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 (ކައުންސިލް އިދާރާގެ ސެމިނަރ ރޫމްގައި)
ބީލަން ހުށަހެޅުމާއި ހުޅުވުން: 16 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 (ކައުންސިލް އިދާރާގެ ސެމިނަރ ރޫމްގައި)
ކައުންސިލުން ބުނީ އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ އެއްވެސް ފަރާތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ކަމަށެވެ. އަދި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ބީލަން ހުށަހަޅާ ދުވަސް ކަމަށްވާ 16 ސެޕްޓެމްބަރުގެ މެންދުރު 12:00 އާ ހަމައަށް ގަމު ކައުންސިލަށް ހާޒިރުވެގެން ނުވަތަ 7611515 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް ވެސް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.