ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަން އަދި ކަނޑުގެ ދިރާސާތައް ކުރިއެރުވުމަށް ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމް(ޔޫއެންޑީޕީ) އާ ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް، އެޖަމާއަތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަދުނާން ޗީމާއާ ބައްދަލުކުރައްވައިފިއެވެ.
މިނިސްޓްރީގައި މިއަދު ބޭއްވި މި ރަސްމީ ބައްދަލުވުމުގައި، މިނިސްޓްރީގެ އިސް ވެރިންނާއި ޔޫއެންޑީޕީ މޯލްޑިވްސްގެ ފަންނީ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުމުގެ މައިގަނޑު އަމާޒަކަށްވީ، މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށާއި، ކަނޑުގެ ދިރާސާތައް ހަރުދަނާކުރުމަށްޓަކައި ދެފަރާތް ގުޅިގެން މިހާރު ފަށާފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަސައްކަތްތައް މުރާޖަޢާކުރުމެވެ.
މީގެ އިތުރުން، ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ރޭވިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވައި، މޫސުމީ ބަދަލުތަކަށް ވިލުންވެރި، ދެމެހެއްޓެނިވި ތަރައްޤީއެއް މި ދާއިރާތަކަށް ހޯދައިދިނުމަށްޓަކައި ޔޫއެންޑީޕީއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ވަޒީރު އަޙްމަދު ޝިޔާމް އަދި ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަދުނާން ޗީމާ ވަނީ ފާހަގަކުރައްވާފައެވެ.











