ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި މަސްވެރިކަމުގެ ވަސީލަތް ތަރައްޤީކުރުމަށް ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އިއްޔެ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ.
މި މަޝްރޫޢުގެ ދަށުން ކެލާގައި ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
82,400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުން
1,592 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުން
266 މީޓަރުގެ ބޭރުތޮށި ލުން
692 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
1,096 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން
132 މީޓަރުގެ ގްރޮއިން ޖެހުން
180 މީޓަރު ދިގު، 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް އެޅުން
1,235 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން
މި މަޝްރޫޢަކީ 222.41 މިލިއަން ރުފިޔާއަށް 600 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢެކެވެ.
ޖުމްލަ 2,476 މީހުންގެ އާބާދީއެއް އޮންނަ ކެލައަކީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ އިތުރުން ގެސްޓްހައުސް ވިޔަފާރިވެސް ފުޅާވަމުން އަންނަ ރަށެކެވެ. ނަމަވެސް ބަނދަރުގެ ޖާގައިގެ ދަތިކަމާއި ނެރުގެ ނުރައްކާތެރިކަމަކީ އެ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މިހާރުވެސް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، ބަނދަރުގެ ޖާގަ ތަނަވަސްވެ ނެރުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ބިން ހިއްކައި މަސްވެރިކަމުގެ ޒަމާނީ ވަސީލަތްތައް ޤާއިމުކުރެވިގެން ދިއުމަކީ ރަށުގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެއްގެގޮތުގައި އެމްޓީސީސީން ފާހަގަކޮށްފައި ވެއެވެ.