މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި އެ ކުންފުނީގެ ޗެއަރޕާސަންގެ މަޤާމަށް މއ. ދޭލިޔާގެ، ޢަބްދުﷲ ފާއިޒް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އައްޔަންކުރައްވައިފިއެވެ.
ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ އަގުހުރި ތަޖުރިބާ ހޯއްދަވާފައިވާ، ފާއިޒު މި މަގާމުތަކައް އައްޔަނުކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ޙާޞިލުކުރައްވާފައިވާ ފާއިޒަކީ ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ އިތުރުން ރާއްޖޭގެ އެންމެ ފުންނާބުއުސް އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ލީޑަރެކެވެ. އެގޮތުން އޭނާ ފުރުއްވާފައިވާ މުހިންމު ބައެއް މަޤާމުތަކުގެ ތެރޭގައި:
ދައުލަތުގެ ކުންފުނިތަކުގެ އިސް މަޤާމުތައް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑުގެ ޗެއަރމަންކަމާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއަރމަންކަން.
އަމިއްލަ ވިޔަފާރިތަކުގެ އިސް މަޤާމުތައް: އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގގެ މެނޭޖިންގ ޑައިރެކްޓަރުކަމާއި، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގގެ ޑިރެކްޓަރ ޓު ދަ ޗެއަރމަންކަން އަދި ވިލާ ހޮޓެލްސްގެ ޑިރެކްޓަރ އޮފް މާކެޓިންގ އެންޑް ޕްރޮމޯޝަންސްކަން. މީގެ އިތުރުން ހޮސްޕިޓަލިޓީ، ލޮޖިސްޓިކްސް، ކޭޓަރިންގ އަދި އިންވެސްޓްމަންޓް ދާއިރާގެ އިސް މަޤާމުތައް.
ޖަމްޢިއްޔާތަކާއި ވިޔަފާރި ޖަމާޢަތްތައް: މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެމްއެންސީސީއައި) ގެ ސެކްރެޓަރީ ޖެނެރަލްކަން އަދި އެ ޖަމްޢިއްޔާގެ އިތުރުން މޯލްޑިވްސް ޓްރޭޑާސް އެސޯސިއޭޝަން، (މަސީ) އަދި ރެސްޓޯރެންޓް އެސޯސިއޭޝަންގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަތުން. މީގެއިތުރުން ސާކް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ލައިފް މެމްބަރުކަމާއި އެ ޖަމާޢަތުގެ ނައިބު ރައީސްކަން.
ޝިޕިންގ، ލޮޖިސްޓިކްސް، ބައިނަލްއަޤްވާމީ ވިޔަފާރި އަދި މާކެޓިންގ ދާއިރާއިން ފާއިޒް ހޯއްދަވާފައިވާ ތަޖުރިބާއަކީ މިފްކޯގެ ވިޔަފާރި ފުޅާކުރުމަށާއި، ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތަކުގެ އަގު އުފުލައި، ކުންފުނީގެ މާލީ އަދި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. ޚާއްޞަކޮށް، ސަރުކާރުން މަސްވެރިކަމުގެ ޞިނާޢަތު އިޞްލާޙުކޮށް ޒަމާނީ ކުރުމަށް ފަށާފައިވާ މަސައްކަތްތައް ބޯޑު ފެންވަރުގައި ސްޓްރެޓީޖިކްކޮށް ކުރިއަށް ގެންދިއުމަށް އޭނާގެ ދިގު ތަޖުރިބާގެ ބޭނުން ފުރިހަމައަށް ހިފިގެންދާނެއެވެ.











