ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ގެނައި އިޞްލާޙުގެ ސަބަބުން، ރާއްޖޭގައި ސްޕޯޓްސް ފިޝިންގ ހާބަރުތައް ތަރައްޤީކުރުމަށް އޮތް ޤާނޫނީ ހުރަސްތައް ނައްތާލެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި މަސްވެރިކަމުގެ ގާނޫނަށް ގެނެވުނު ދެވަނަ އިސްލާހުގެ ބިލު ތަޞްދީޤުކުރެއްވުމަށްފަހު އެގާނޫނަށް ގެނެވުނު އިސްލާހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މި ޤާނޫނަށް ގެނައި އިޞްލާޙަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅެއް ފުއްދުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ސްޕޯޓްސް ފިޝިންގ ހާބަރުތައް ހެދުމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވީ ނަމަވެސް، ކުރިން ޤާނޫނު އޮތް ގޮތުން އެކަން ކުރުމަށް ފުރުޞަތު ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.
"މީގެ މައިގަނޑު ގޮތެއްގައި މި ޙާޞިލްކުރާ ކަމަކީ އަޅުގަނޑު ވަޢުދުވެފަ އޮންނާނެ ސްޕޯޓްސް ފިޝިންގ ހާބަރސްތައް ހަދާ ވާހަކަ. ދެން އެހެންނަމަވެސް ޤާނޫނު އޮތްގޮތުން އެއަކީ ވާކަމަކަށް ނުވެއްޖެ. އެހެންވީމަ އިޞްލާޙު މި ގެނެވުނީ ކުރުގޮތަކަށް ދަންނަވަންޏާ ސްޕޯޓްސް ފިޝިންގ އާ ދެން އެކަހަލަ އެކި ކަންކަމަށް ބަނދަރުތައް ހެދުމާ އެކި ކަހަލަ އިންވެސްޓްމަންޓްތަކައް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސްޕޯޓްސް ފިޝިންގ ބަނދަރުތައް ތަރައްޤީކުރުމަށް މިހާރުވެސް ގިނަ ފަރާތްތަކަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި އެކި ސަރަޙައްދުތައް ސަރުކާރުން ކަނޑައަޅާފައިވީ ނަމަވެސް، މަޝްރޫޢުތައް ކުރިއަށް ނުގެންދެވި ވަޢުދު ނުފުއްދި އޮތީ ޤާނޫނީ ހުރަސްތަކާ ހުރެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާ ގުޅިގެން މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، ވަގުތުން ޢަމަލުކުރަން ފަށާފައެވެ.











