ކޮޅުމަޑުލު ތިމަރަފުށީގައި އޮޑިހަރުގެ އެޅުމަށްޓަކައި ވިޔަފާރި އުޞޫލުން ބިން ކުއްޔަށް ހިފުމުގެ ފުރުޞަތު އެ ރަށު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ.
ކައުންސިލުން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފުރުޞަތު ހުޅުވާލާފައިވަނީ އެ ރަށުގެ ލޭންޑް ޔޫޒް ޕްލޭންގައި އޮޑިދޯނިފަހަރު ބަނދެ މަރާމާތު ކުރުމުގެ މަސައްކަތަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުންނެވެ.
ކައުންސިލްގެ އިޢުލާނުގައި ފާހަގަކޮށްފައިވާ ގޮތުން، 6،000 އަކަފޫޓުގެ ދެ ބިން (ޕްލޮޓް 68.3) 30 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ބިންތަކަށް ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 80 ލާރިއެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. ބީލަމުގައި ބައިވެރިވުމަށްޓަކައި 500 ރުފިޔާގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.
ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދުން ފެށިގެން 06 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ތިމަރަފުށީ ކައުންސިލް އިދާރާއިން ލިބޭނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ. އަދި އީމެއިލް (procurement@thimarafushi.gov.mv) މެދުވެރިކޮށް ފޯމާއި ފައިސާ ދެއްކި ސްލިޕް ފޮނުވައިގެން ވެސް ރަޖިސްޓްރީ ވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ތިމަރަފުށީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 07 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައެވެ. އަދި ބީލަން ހުށަހެޅުމާއި ބިޑްތައް ހުޅުވުން އޮންނާނީ 15 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.