ށ. ފީވަކު ބަނދަރު ސަރަޙައްދުގައި ޒަމާނީ ފެންވަރުގެ ފިއުލް ސްޓޭޝަނެއް ތަރައްޤީކޮށް ހިންގުމަށްޓަކައި 3،974.36 އަކަފޫޓުގެ ބިމެއް، ފީވަކު ކައުންސިލްގެ އިދާރާއިން ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފި ޢެ'ވެ.
ފީވަކު ބަނދަރު ސަރަޙައްދުގައި ޒަމާނީ ފެންވަރުގެ ފިއުލް ސްޓޭޝަނެއް ތަރައްޤީކޮށް ހިންގުމުގެ މަޝްރޫއަށް ބިމެއް ކުއްޔަށް ދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ފުރަތަމަ ހުޅުވާލީ 10 އޮގަސްޓް 2026 ގައެވެ. މިއީ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 40 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ހަމަޖައްސާފައިވާ ބިމެކެވެ. މި މަޝްރޫޢުގެ ދަށުން އޮޑިދޯނިފަހަރަށާއި އެއްގަމު ދުއްވާ އުޅަނދުތަކަށް ތެޔޮ އަޅައިދީ، ތެޔޮ ވިއްކުމުގެ ޚިދުމަތް ދިނުމާއި، އެއާ ގުޅުންހުރި ވިޔަފާރިތައް ހިންގުން ހިމެނެއެވެ.
ކައުންސިލުން ޢާންމުކޮށްފައިވާ ބިޑް އިވެލުއޭޝަން މަޢުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢު ދަ ހޯކްސް އަށް ރަސްމީކޮށް އެވޯޑްކޮށްފައިވަނީ 27 އޮގަސްޓް 2026 ގައި، 1،593،967.05 (އެއް މިލިއަން ފަސްލައްކަ ނުވަދިހަ ތިންހާސް ނުވަސަތޭކަ ފަސްދޮޅަސް ހަތެއް) ރުފިޔާގެ އަގަކަށެވެ. އަދި ކުލީގެ އަގާއި، ދާއިރާގެ ތަޖުރިބާއާއި ފަންނީ ޤާބިލުކަމާއި، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ އިތުރުން ޤާނޫނީ އެހެނިހެން ޝަރުޠުތައް ހިމެނޭހެން، ބީލަން އިވެލުއޭޓްކުރި ހުރިހާ މިންގަނޑަކުން ފުރިހަމަ މާކްސް ހޯދައި އެ ކުންފުނިން ބީލަން ކާމިޔާބުކޮށްފައިވަނީ ޖުމްލަ 100 ޕޮއިންޓް ހޯދައިގެންކަމަށް ކައުންސިލުން އާންމުކުރި ލިޔުންތަކުން ހާމަވެއެވެ.
ފީވަކު ބަނދަރު ސަރަޙައްދުގައި ޒަމާނީ ފެންވަރަށް ތެލުގެ ޚިދުމަތް ޤާއިމުކުރެވިގެން ދިއުމަކީ އެ ރަށުގެ މަސްވެރިންނަށާއި، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކަށް ވެސް ތެޔޮ ހޯދުމުގައި ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމެކެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެޔޮ ސަޕްލައިކުރުމާއި ބަންކަރިންގ ޚިދުމަތް ދެމުން އަންނަ އެންމެ ކުރީ ސަފުގެ އެއް ކުންފުނި ކަމަށްވާ 'ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް' އަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ ފިއުލް ފެސިލިޓީތައް ހިންގުމުގައި ބޮޑު ތަޖުރިބާއެއް ޙާޞިލުކޮށްފައިވާ ކުންފުންޏެކެވެ.