ދ. ބަނޑިދޫ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުންނާއި ރަށުގެ ތަރައްޤީއަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާ ބަނޑިދޫ ކައުންސިލުން މިއަދު ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މިއަދު މަސްވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން، ސްޓޭޓް މިނިސްޓަރުންނާއި ވުޒާރާގެ އިސް އޮފިޝަލުންނާއި ބަނޑިދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ބަނޑިދޫގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އިތުރަށް ކުރިއަށްދެވެން ހުރި ފުރުޞަތުތަކުގެ މައްޗަށެވެ. އެގޮތުން ރަށުގެ މަސްވެރިންނަށް މިވަގުތު ދިމާވަމުންދާ ދަތިތަކާއި ކަންބޮޑުވުންތައް ކައުންސިލުން ވަނީ ވަޒީރާ ހިއްސާކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މީގެއިތުރުން، ރަށުގެ އިޤްތިޞާދީ އަދި މަސްވެރިކަމުގެ ހަރަކާތްތައް ފުޅާކުރުމަށްޓަކައި ކުރިއަށް ގެންދެވިދާނެ އެކި މަޝްރޫޢުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެއްވިއެވެ. ވުޒާރާގެ ފަރާތުން ވަނީ ކައުންސިލުން ފާހަގަކުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް އެކަށީގެންވާ ހައްލުތަކެއް ހޯދައިދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.











