ހިމާޔަތްކޮށްފައިވާ ބާވަތްތަކުގެ މަސްވެރިކަން ކުރުމާއި އެފަދަ ބާވަތްތައް ރާއްޖެއިން ބޭރުކުރުން ހުއްޓުވުމަށް 1 މިލިއަން ރުފިޔާއާ ހަމައަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައި، މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިޞްލާޙުތަކުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރީ އިޤްތިޞާދީ ކޮމިޓީން ގެނައި އިޞްލާޙުތަކާއެކު، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާޤުންނެވެ. ސަރުކާރުގެ ފަރާތުން މި އިޞްލާޙުތައް މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙްމަދެވެ.
ފާސްކުރި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި އެކި ބާވަތްތަކުގެ މަސްވެރިކަން ކުރުމުގެ ހުއްދަ މިނިސްޓްރީއަށް ދެވުނު ނަމަވެސް، ޙިމާޔަތްކޮށްފައިވާ ބާވަތްތަކުގެ މަސްވެރިކަން ކުރުމަކީ މުޅިން މަނާ ކަމެކެވެ. އެގޮތުން ޙިމާޔަތްކޮށްފައިވާ ބާވަތެއްގެ މަސްވެރިކަން ކޮށްފިނަމަ 500،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެފަދަ މަހުގެ ބާވަތެއް ރާއްޖެއިން ބޭރުކޮށްފިނަމަ 1،000،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ޤާނޫނުން މިނިސްޓްރީއަށް ލިބިދެއެވެ.
ފާސްކުރި ބިލުގައި ހިމެނޭ މުހިންމު ކަންކަން:
ސްޕޯޓްސް ފިޝިންގ ހާބަރުތައް ތަރައްޤީކުރުން: މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމަށް ޚާއްޞަ ބަނދަރު (ސްޕޯޓްސް ފިޝިންގ ހާބަރ) ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކަށް އެފަދަ މަޝްރޫޢުތައް ހިންގޭނެ ޤާނޫނީ ބާރާއި ޚާއްޞަ އުޞޫލުތައް ކަނޑައެޅުން.
ޤާނޫނާ ޚިލާފު ބޭރުގެ އުޅަނދުތަކަށް ފިޔަވަޅު އެޅުން: ޤާނޫނުގައި މަނާކޮށްފައިވާ ހަރަކާތްތައް ހިންގާ ބޭރުގެ އުޅަނދުފަހަރު ނިސްބަތްވާ ޤައުމަކަށް ބަލައި އިދާރީ ފިޔަވަޅު އަޅާނެ އުޞޫލުތައް ބަޔާންކުރުން.
ތަންފީޛީ ނިޒާމު ވަރުގަދަކުރުން: މަސްވެރިކަމާ ބެހޭ ޤާނޫނާއި ޤަވާޢިދުތައް ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށް، މަސްވެރިކަން ކުރުން ހުއްދަ ބާވަތްތައް ކަނޑައެޅުމުގެ އުޞޫލުތައް މުރާޖަޢާކުރުން.
މި އިޞްލާޙުތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމަށާއި، ޤާނޫނާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމުގެ އިތުރުން މަސްވެރިކަމުގެ ޤާނޫނު ތަންފީޛުކުރުމުގައި މިނިސްޓްރީގެ ބާރުތައް އިތުރަށް ވަރުގަދަކުރުމެވެ.