"އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ މުހިންމު 3 ދާއިރާއަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި 278 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަމުގެ ސްކީމްގެ ދަށުން، ޝަރުތުހަމަވާ ޕްރޮޖެކްޓްތަކުގެ ޖުމްލަ ޚަރަދުގެ 40 އިންސައްތައާ ހަމައަށް ހިލޭ އެހީ ހަމަޖައްސައިދެވޭއިރު، ފައިސާގެ އެހީ ދޫކުރުމަށް ހަމަޖެހިފައިވަނީ ޕްރޮޖެކްޓަކަށް 1 މިލިއަން ރުފިޔާއާއި 30 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
މިކަމާގުޅޭގޮތުން ވުޒާރާއިން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވާގޮތުންނަމަ، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ކަނޑައެޅިފައިވާ މި 3 ދާއިރާއަށެވެ:
މެނުފެކްޗަރިންގ ގްރާންޓް (30.84 މިލިއަން ރުފިޔާއާ ހަމައަށް): ރާއްޖޭގައި ދަޅު (ޓިން ކޭން) އުފައްދާ ފެކްޓަރީއެއް ޤާއިމުކުރުމަށާއި، ރިސޯޓް މާކެޓަށާއި ލޯކަލް މާކެޓްތަކަށް ޚާއްޞަކޮށްގެން ތާޒާ އަދި ފިނިކުރި މަސް ޕެކޭޖްކޮށް ބަންދުކުރުން ފުޅާކުރުމަށް.
ފިޝަރީޒް އިންޑަސްޓްރީ ޑީކާބޮނައިޒޭޝަން ގްރާންޓް (30.84 މިލިއަން ރުފިޔާއާ ހަމައަށް): މަސް ޕްރޮސެސްކުރާ ފެސިލިޓީތަކުގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމްތައް ޤާއިމުކުރުމަށާއި، ވިހަ ގޭސް ބޭރުކުރާ މިންވަރު މަދުކުރުމަށާއި، ހަކަތަ އިޤްތިޞާދުކުރާ ސްމާޓް ނިޒާމްތައް ޤާއިމުކުރުމަށް.
ސާކިއުލަރ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް (1.08 މިލިއަން ރުފިޔާއާ ހަމައަށް): މަސްވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްތަކުގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށާއި، ދެމެހެއްޓެނިވި ޚިދުމަތްތަކާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުނި މެނޭޖްކުރުމުގެ ނިޒާމްތައް ޤާއިމުކުރުމަށް.
"އާރުވެރި" މެޗިންގ ގްރާންޓަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން 20 ސެޕްޓެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އަލަށް އިފްތިތާޙުކުރެވުނު ޚާއްޞަ އޮންލައިން ޕޯޓަލް (aaruveri.fishagriocean.gov.mv) މެދުވެރިކޮށް ޕްރޮޕޯޒަލް ހުށަހަޅަންޖެހޭނެއެވެ.
"އާރުވެރި" މެޗިންގ ގްރާންޓްގެ 7 ދާއިރާގެ ތެރޭގައި ދެން ހިމެނެނީ ޕްރޮސެސިންގ ދާއިރާ ތަރައްޤީކުރުމުގެ ގްރާންޓް (12.76 މިލިއަން ރުފިޔާއާ ހަމައަށް)، މަސްދޯނިފަހަރު ޑީކާބޮނައިޒްކުރުމުގެ ގްރާންޓް (3.08 މިލިއަން ރުފިޔާއާ ހަމައަށް)، އެސް.އެމް.އީ ޑިވެލޮޕްމަންޓް ގްރާންޓް (2.77 މިލިއަން ރުފިޔާއާ ހަމައަށް) އަދި މެރިކަލްޗަރ ޑިވެލޮޕްމަންޓް ގްރާންޓް (1.27 މިލިއަން ރުފިޔާއާ ހަމައަށް) އެވެ. މިނިސްޓްރީން ވިދާޅުވި ގޮތުގައި ބާކީ ހުރި މި ދާއިރާތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ފަހުގެ ތާރީޚެއްގައި ހުޅުވާލެވޭނެއެވެ.
"އާރުވެރި" މެޗިންގ ގްރާންޓަކީ ވޯލްޑް ބޭންކުގެ 64.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަމާއެކު ހިންގާ "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" (ޓްރާންސްފޯމް) މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ސްކީމެކެވެ. 2023 ވަނަ އަހަރު ފަށައި 2030 ވަނަ އަހަރަށް ނިންމުމަށް ހަމަޖެހިފައިވާ މި ޓްރާންސްފޯމް ޕްރޮޖެކްޓަކީ ސައުތު ވެސްޓް އިންޑިއަން އޯޝަން ސަރަޙައްދުގައި ހެކިތަކުގެ މައްޗަށް ބިނާކޮށް މަސްވެރިކަން މެނޭޖްކުރުން ހަރުދަނާކުރުމަށާއި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ވާދަވެރިކަމާއި ފުދުންތެރިކަން އިތުރުކުރުމަށް ހިންގާ މަޝްރޫޢެކެވެ.
މަސްވެރި ސިނާޢަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، މަސްވެރިންނާއި ވަކިވަކި ފަރުދުންގެ ވިޔަފާރިތަކުގެ ދެމެހެއްޓެނިވިކަމާއި ވާދަވެރިކަން ކަށަވަރުކޮށް، މުޅި ސިނާޢަތުގެ ފުދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ސިޔާސަތުގެ މައިގަނޑު އެއް ތަނބަށްވާއިރު، "އާރުވެރި" ޕްރޮގްރާމަކީ އެ ޤައުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެކެވެ.