މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ ދާއިރާ ތަރައްޤީކުރުމަށް ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ތަޢާރަފުކުރި "އާރުވެރި" މެޗިންގ ގްރާންޓް ސްކީމަކީ، އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށް އެންމެ ބޮޑު މާލީ ލުޔެއް ލިބޭނެހެން ފަރުމާކުރެވުނު ސްކީމެއް ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
278 މިލިއަން ރުފިޔާގެ މި މާލީ އެހީ ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސްކީމާ ގުޅޭގޮތުން ވޯލްޑް ބޭންކާއެކު ދެ އަހަރެއްހާ ދުވަހު މަޝްވަރާތައް ކުރެވުނު ކަމަށެވެ. އެގޮތުން ފުރަތަމަ މި ސްކީމް އޮތީ %30 ގްރާންޓް އަދި %70 އިންވެސްޓަރުން ޚަރަދުކުރާ ގޮތަށް ކަމަށް ވިޔަސް، ސަރުކާރުން އިސްނަގައިގެން ކުރި މަސައްކަތުން އެ ނިސްބަތް %40 ގްރާންޓް އަދި %60 އަމިއްލަ ޙިއްޞާއަށް ބަދަލުކުރެވުނު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މި ގްރާންޓު ދެން ބޭނުންކުރަންވީ ފަރާތްތަކަށް ވީހާވެސް ރަނގަޅަކަށް މިކަން ކުރިއަށް ގެންދިއުމަށްޓަކައި ހަމަ ސަރުކާރުން މިކަމުގައި ވޯލްޑް ބޭންކާއެކީގައި ގެންދިޔަ މަޝްވަރާތައް ކިތަންމެ ދިގުވިކަމުގައިވިޔަސް، ފުރަތަމަ އިނީޝިއަލީ އޮތީ ތިރީސް-ހަތްދިހަ. އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތް މިކުރީ ސާޅީސް-ފަސްދޮޅަހަށް ބަދަލުކުރެވޭތޯ. ﷲ ގެ އިރާދަފުޅުން އަޅުގަނޑުމެން އެންމެން ކުރި މަސައްކަތުން ސާޅީސް-ފަސްދޮޅަހަށް ބަދަލު މިކުރެވިގެން މިދިޔައީ. މީގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ އަމިއްލަ ފަރުދުންނަށާއި އަދި ޕްރައިވެޓް ކުންފުނިތަކަށް."
— ވަޒީރު އަޙްމަދު ޝިޔާމް











