ދިވެހިރާއްޖެއިން ބޭރުކުރާ މަސް ރޯ މަހުގެ ގޮތުގައި އެކްސްޕޯޓްކުރުން މަދުކޮށްގެން ނުވަތަ ހުއްޓާލައިގެން މެނުވީ، މަސްވެރިކަމުން ޤައުމަށް ލިބޭ އާމްދަނީ އިތުރު ނުކުރެވޭނެ ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ތަޢާރަފުކުރި "އާރުވެރި" މެޗިންގ ގްރާންޓް ސްކީމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްވެރި ސިނާޢަތުގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތަކާއި ހުރި ގޮންޖެހުންތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާއި، މަސްވެރިންނުން ފެށިގެން ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ވަރަށް ބޮޑުކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ ސިނާޢަތެއްގައި ހުރި ގޮންޖެހުންތަކަކީވެސް ހަމައެކަނި ސަރުކާރަކަށް ޙައްލުކުރެވޭނެ ކަންކަން ނޫން ކަމަށެވެ. އަދި އެ ގޮންޖެހުންތައް ޙައްލުކުރެވޭނީ އެ ސިނާޢަތެއްގައި ޙަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވިގެން ކަމަށް ވިދާޅުވިއެވެ. ރާއްޖެއަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ބޮޑު ތާރީޚެއް އޮތް ޤައުމެއް ނަމަވެސް، ޒަމާންވީ ގޮންޖެހުންތައް އަދިވެސް ހުރީ ހުރިގޮތަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އަބަދުވެސް މިދައްކަނީ ދިވެހިރާއްޖެއިން މި ބޭރުކުރެވޭ މަސް އަޅުގަނޑުމެންނަށް މި ރޯ މަހުގެ ގޮތުގައި ބޭރުކުރުން މަދުކުރެވިގެން ނޫނީ ހުއްޓާލެވިގެން ނޫނީ ދިވެހިރާއްޖެއަށް މަސްވެރިކަމުން ލިބޭ އާމްދަނީ އަޅުގަނޑުމެންނަށް އިތުރެއް ނުކުރެވޭނެ."
— ވަޒީރު އަޙްމަދު ޝިޔާމް
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މޫސުމީ މަސްވެރިކަމެއްގައި ބާނާ މަސް ބޭރުގެ ބާޒާރުގައި އަގު ރަނގަޅުވާ މިންވަރަށް ބޭރުކުރާނެ ކެޕޭސިޓީ ނެތްނަމަ ސިނާޢަތަށް ލިބެންވާ އެންމެ ފުރިހަމަ އާމްދަނީ ނުލިބޭނެ ކަމަށެވެ. އަދި މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ކުންފުނިތަކާ ހަމައަށް ފޯރުކޮށްނުދެވޭނަމަ އެ މަހަށް ލިބެންވާ ފުރިހަމަ އަގު ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.
މި ހުރިހާ ގޮންޖެހުންތަކެއް ޙައްލުކުރުމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް އެންމެ މުހިންމު ވަސީލަތަކީ ފައިސާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ފައިސާއަކީ އަތްނުލެވޭ ނުވަތަ ނުލިބޭ ވަސީލަތަކަށް ވެފައި އޮތުމަކީ ސިނާޢަތުގެ ބިންގަލުގައި ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި އޮތް މައިގަނޑު ސަބަބު ކަމަށެވެ.
"މަސް ބަންދުކުރާ ފެކްޓްރީއެއް ދައުލަތް ޙިއްޞާވާ ދައުލަތުގެ ކުންފުނި ސާޅީސްވަރަކަށް އަހަރު އަޅުގަނޑުމެން ވީއިރުގައިވެސް އަދިވެސް ފަންސަސްތަނެއް ނޫން. ޕްރައިވެޓް އެހެން ކުންފުނިތައް މީ މި ރޭހުގައި މަސައްކަތްތަކެއް އެބަކުރައްވާ. އެހެންނަމަވެސް ކުންފުނިތަކަށްވެސް ހުރި ގޮންޖެހުންތަކަކީ މުޅި މަސްވެރިކަމުގައި ވަކިން ޚާއްޞަކޮށް މީ ޕްރައިމަރީ ސިނާޢަތްތަކަށް ވާތީއާއެކީގައި ސަރުކާރުތަކުން އޮންނަންޖެހޭ ދައުރު ކުރިން މިދެންނެވި ގޮތަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ނުވާ، ބޭނުންވާ ވަސީލަތްތައް ހަމަނުވާތީއާއެކީގައި ޕްރައިމަރީ ސިނާޢަތްތަކަށް ވާތީ ޙަޤީޤަތުގައި ސަރުކާރުން އަޅާލަންޖެހޭ އަޅާލުން ބޮޑުވީމާ ސިނާޢަތުގެ ސިފަ ބައެއްފަހަރު ގެއްލިފައި އަޅުގަނޑުމެންނަށް ވާތަން މިފެންނަނީ."
— ވަޒީރު ވިދާޅުވިއެވެ.
ސިނާޢަތެއްގެ ޙަޤީޤީ ސިފައަކީ ހަމައެކަނި ސަރުކާރުގެ ޙަރަކާތްތައް ނޫން ކަމަށާއި، އަމިއްލަ ވިޔަފާރިތަކާއި ފަރުދުންގެ ޙަރަކާތްތައްވެސް ހިމެނޭ ގޮތަށް މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމުވެފައި އޮތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ރާއްޖޭގެ މަސްވެރި ސިނާޢަތުގައި ހުރި ގޮންޖެހުންތައް ޙައްލުކުރާއިރު ޕްރައިވެޓް ކުންފުނިތަކަށްވެސް ފަހި މާޙައުލެއް އުފައްދައިދީގެން، އަމިއްލަ ފަރާތްތައް ބާރުވެރިކުރުވައިގެން މައްސަލަތައް ޙައްލުކުރުން ކަމުގައި ވަޒީރު އަޙްމަދު ޝިޔާމް ފާހަގަކުރެއްވިއެވެ.