މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގާ "ޓްރާންސްފޯމް" ޕްރޮޖެކްޓުގެ ދަށުން، 278 މިލިއަން ރުފިޔާގެ މާލީ އެހީ ފޯރުކޮށްދޭ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމް ރަސްމީކޮށް މިއަދު ހެނދުނު އިފްތިތާޙުކޮށްފިއެވެ. މި ގްރާންޓް އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމީ ހަފްލާގައި މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މި ޕްރޮގްރާމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ ދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، މަސްވެރިންނަށް ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޚާއްޞަ ސްކީމެކެވެ. މި ސްކީމްގެ ދަށުން ޝަރުތުހަމަވާ ޕްރޮޖެކްޓްތަކުގެ ޖުމްލަ ޚަރަދުގެ 40 އިންސައްތައާ ހަމައަށް ހިލޭ އެހީ ހަމަޖައްސައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕްރޮޖެކްޓްތަކަށް 1 މިލިއަން ރުފިޔާއިން ފެށިގެން 30 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ފައިސާގެ އެހީ ދޫކުރެވޭނެއެވެ.
"އާރުވެރި" މެޗިންގ ގްރާންޓް ދޫކުރުމަށް ކަނޑައަޅާފައިވާ މައިގަނޑު 7 ދާއިރާއަކީ:
މެނުފެކްޗަރިންގ ގްރާންޓް (30.84 މިލިއަން ރުފިޔާއާ ހަމައަށް): ތާޒާ ނުވަތަ ފިނިކުރި މަސް ބޭނުންކޮށްގެން ޕެކޭޖްކޮށް، ބަންދުކޮށްގެން ރިސޯޓް މާކެޓަށާއި ލޯކަލް މާކެޓްތަކަށް ނެރޭ ފަރާތްތަކަށް.
މަސްވެރިކަމުގެ ސިނާޢަތް ޑީކާބޮނައިޒްކުރުމުގެ ގްރާންޓް (30.84 މިލިއަން ރުފިޔާއާ ހަމައަށް): ސިނާޢަތުން ބޭރުކުރާ ވިހަ ގޭސް މަދުކޮށް، ދެމެހެއްޓެނިވި އަދި އިއާދަކުރަނިވި ޙަކަތައަށް ބަދަލުކުރުމަށް އެހީތެރިވުމަށް.
ޕްރޮސެސިންގ ދާއިރާ ތަރައްޤީކުރުމުގެ ގްރާންޓް (12.76 މިލިއަން ރުފިޔާއާ ހަމައަށް): ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކަށް މަސް ޕްރޮސެސްކުރުމުގެ ފެންވަރު މަތިކޮށް، ފަންނީ ވަސީލަތްތައް ޤާއިމުކުރުމަށް.
މަސްދޯނިފަހަރު ޑީކާބޮނައިޒްކުރުމުގެ ގްރާންޓް (3.08 މިލިއަން ރުފިޔާއާ ހަމައަށް): މަސްވެރި އުޅަނދުފަހަރު ޙަކަތައަށް ސަމާލު ދޯނިފަހަރަށް ބަދަލުކުރުމާއި އައު ޙަކަތައިގެ ވަސީލަތްތައް ބޭނުންކުރުމަށް.
އެސް.އެމް.އީ ޑިވެލޮޕްމަންޓް ގްރާންޓް (2.77 މިލިއަން ރުފިޔާއާ ހަމައަށް): މަސް އަދި ކަނޑުގެ ވަސީލަތްތަކުގެ ދާއިރާއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް.
މެރިކަލްޗަރ ޑިވެލޮޕްމަންޓް ގްރާންޓް (1.27 މިލިއަން ރުފިޔާއާ ހަމައަށް): ދިރޭމަސް ވިއްކުމާއި، މެރިކަލްޗަރގެ އައު އުފެއްދުންތަކާއި އިންވެސްޓްމަންޓްތަކަށް ވަސީލަތްތައް ހޯދުމަށް.
ސާކިއުލަރ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް (1.08 މިލިއަން ރުފިޔާއާ ހަމައަށް): ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުނި މެނޭޖްކުރުމާއި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް.
މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމާއި ގްރާންޓަށް އެދި ހުށަހެޅުމުގެ އިންތިޒާމު ސަރުކާރުގެ ޚާއްޞަ ޕޯޓަލް aaruveri.fishagriocean.gov.mv މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.