މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން، 2026 ވަނަ އަހަރުގެ ދެވަނަ ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް ނިންމާލައިފިއެވެ. ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި މި މަހުގެ 8 އިން 19 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 9 ބައިވެރިއަކު ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.

މި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ވަޒީރު އަޙްމަދު ޝިޔާމެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ދަސްވެނިވި ހުރިހާ ފަރާތްތަކަށް މަރުޙަބާ ދަންނަވައި، މިހާތަނަށް ހިންގުނު ޖުމްލަ 6 ޕްރޮގްރާމުން 88 ފަރާތެއް މެރިކަލްޗަރ ދާއިރާއިން ތަމްރީނުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާއެކު އަހަރަކު 4 ތަމްރީނު ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާތީ، 3 ވަނަ ބެޗް އޮކްޓޯބަރު މަހު އަދި 4 ވަނަ ބެޗް ނޮވެމްބަރު މަހު ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާތަނަށް ބައިވެރިން ހިމެނިފައިނުވާ ވާވު އަތޮޅާއި، ދާލު އަތޮޅު އަދި އައްޑޫ ސިޓީގެ ފަރާތްތަކުން ކުރިއަށް އޮތް ބެޗްތަކުގައި ބައިވެރިވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ، ދެމެހެއްޓެނިވި މެރިކަލްޗަރ ސިނާއަތަކަށް މީހުން ބިނާކުރުމުގެ މުހިންމު ހަރަކާތެކެވެ. ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން ކުރިއަށްގެންދިޔަ މި ކޯހުގައި އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި، ހުއިފިލަނޑާ، މާގަނޑުމަސް، އިތާމުތް އަދި ސީވީޑް އާލާކުރުމުގެ ޢަމަލީ ތަޖުރިބާ ވަނީ ފޯރުކޮށްދީފައެވެ.