ދިވެހިރާއްޖޭގައި މެރިކަލްޗަރ ފުޅާ ދާއިރާއެއްގައި ކުރިއެރުވުމަށްޓަކައި ޤާނޫނީ ފަހި މާޙައުލެއް ޤާއިމުކުރުމުގެ ގޮތުން، މަސްވެރިކަމުގެ ޤާނޫނާއި ފަޅުރަށްރަށާ ބެހޭ ޤާނޫނަށް މުހިންމު އިޞްލާޙުތަކެއް ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މެރިކަލްޗަރ ސިނާޢަތެއްގެ ގޮތުގައި ރާއްޖޭގައި ތަރައްޤީކުރެވޭނީ މި ދާއިރާއިން މީހުން ބިނާކުރުމުގެ އިތުރުން އިންވެސްޓަރުންނަށް ފަހި އަދި ރައްކާތެރި ޤާނޫނީ އޮނިގަނޑެއް އެކުލަވާލެވިގެން ކަމަށެވެ.
"މެރިކަލްޗަރ ޞިނާޢަތެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ތަރައްޤީކުރުމަށްޓަކައި މީހުން ބިނާކުރުމުގެ އިތުރުން، މެރިކަލްޗަރ ކުރުމަށްޓަކައި ފަހި މާޙައުލެއްވެސް އޮންނަންޖެހޭ. އަދި މެރިކަލްޗަރ ކުރުމަށްޓަކައި ޤާނޫނުތައްވެސް ބަދަލުކުރެވެންޖެހޭ."
— ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވިއެވެ.
މަޖިލީހަށް ހުށަހެޅިފައިވާ ޤާނޫނީ ބަދަލުތަކުގެ ތަފްޞީލު ހާމަކުރައްވަމުން ވަޒީރު ފާހަގަކުރެއްވީ، މި ބަދަލުތަކުގެ ސަބަބުން މެރިކަލްޗަރ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިންވެސްޓްމަންޓްތަކުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެ ކަމަށެވެ.
"މިހާރު މަޖިލީހުގައި އޮންނާނެ ދިވެހިރާއްޖޭގެ މެރިކަލްޗަރ ފަހިކުރުމަށްޓަކައި ދެ ޤާނޫނަކަށް ގެނެވޭ އިޞްލާޙު. އޭގެ ތެރޭގައި މަސްވެރިކަމުގެ ޤާނޫނަށް ގެނެވޭ އިޞްލާޙާއި، އަދި ހަމައެއާއެކީގައި ދެން އޮތް އިޞްލާޙަކަށްވުރެ ބޮޑަށް އާ ބިލެއް މަޖިލީހަށް ހުށަހެޅިފައި އޮތީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތަކާ ބެހޭ ޤާނޫނެއް. އެ ޤާނޫނަކީ މިވަގުތުވެސް އެބައޮތް، އެހެންނަމަވެސް އެ ޤާނޫނަކަށް ބަދަލުވެގެންދާނީ ދާއިރާގައި ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މެރިކަލްޗަރ ކުރުމަށް، މެރިކަލްޗަރ އިންވެސްޓްމަންޓްސް ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ފަހި މާޙައުލެއް، އިރާދަކުރެއްވިއްޔާ ޤާނޫނީ ފްރޭމްވޯކް އިރާދަކުރެއްވިއްޔާ ފުރިހަމަވެގެންދާނެ."
— ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކާއި އަދި ރާއްޖެއާ ވާދަވެރި މާކެޓްތަކުގައިވެސް މިފަދަ ވިޔަފާރިތަކަށް އޮންނަ ފަސޭހަތަކާއި ރައްކާތެރިކަމަށްވުރެ ރަނގަޅު މާޙައުލެއް ރާއްޖޭގައި ޤާއިމުކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށެވެ. އެގޮތުން ގެނެވޭ މި ޤާނޫނީ އިޞްލާޙުތަކަކީ ރާއްޖޭގެ ކަނޑުފަޅުގެ ވަސީލަތްތަކުން ވިޔަފާރި އުޞޫލުން ނަފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ހިތްވަރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.