ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ކުރިއެރުވުމަށްޓަކައި އެ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށް މަނިޔަފުށީގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކުގެ ޢަދަދު އިތުރުކޮށް، މުޅި ރާއްޖެއަށް ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.
މަނިޔަފުށީ ރިސާޗް ފެސިލިޓީގައި ކުރިއަށްދިޔަ މި އަހަރުގެ ދެވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދުފުޅުގެ ދަށުން، ކުރިން އަހަރަކު 2 ފަހަރު ބާއްވަމުން އައި މި ޕްރޮގްރާމް މިއަހަރުން ފެށިގެން 4 ފަހަރަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި މި އަހަރުގެ 3 ވަނަ ބެޗް އޮކްޓޯބަރު މަހު އަދި 4 ވަނަ ބެޗް ނޮވެމްބަރު މަހު ބޭއްވުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް(އެމް.އެމް.އާރް.އައި) އާ ގުޅިގެން ރާވާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިހާތަނަށް ކުރިއަށް މި ގެންދެވުނު 6 ޕްރޮގްރާމާ އެކީގައި 88 ބޭފުޅަކު އަޅުގަނޑުމެންނަށް ތަމްރީން ކުރެވިއްޖެ. ބޭސިކް މެރިކަލްޗަރ ސްކިލްސް މިހާރު އެބޭފުޅުންގެ ހުންނާނެ. ފާނަ އާލާކުރުމަށް ތައްޔާރުކުރެވޭ ހެޗެރީތައް ޤާއިމްކުރުމުގެ ހުނަރާއި ނޮލެޖް އިރާދަކުރެއްވިއްޔާ އެބޭފުޅުންގެ މިހާރު ހުންނާނެ."
— ވަޒީރު ވިދާޅުވިއެވެ.
މި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން މިހާތަނަށް މުޅި ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ސަރަޙައްދަކުން ބައިވެރިން ހިމެނިފައިވީ ނަމަވެސް، ވާވު އަތޮޅާއި، ދާލު އަތޮޅު އަދި އައްޑޫ ސިޓީގެ ބައިވެރިން އަދި ހިމެނިފައި ނުވާތީ، ކުރިއަށް އޮތް ބެޗްތަކުގައި އެ ސަރަޙައްދުތަކަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަމާޒަކީ ރާއްޖޭގެ އެއްވެސް އަތޮޅެއް ބާކީނުކޮށް މުޅި ރާއްޖެއިން މީހުން ތަމްރީނުކުރުން ކަމަށްވެސް ވިދާޅުވިއެވެ.
މަނިޔަފުށްޓަކީ ލެބޯޓްރީއާއި، އެކޮމޮޑޭޝަން އަދި އެހެނިހެން ހުރިހާ ވަސީލަތްތަކެއް ހަމަޖެހިފައިވާ ފުރިހަމަ ޑިމޮންސްޓްރޭޝަން ފެސިލިޓީއެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިއީ ވަރަށް ޕްރެކްޓިކަލް ދާއިރާއަކަށް ވުމުން، އެންމެ ފުރިހަމަ ނަތީޖާ ނެރެވޭނީ ސީދާ މަނިޔަފުށީގައި 14 ދުވަސް ހޭދަކޮށްގެން ކަމަށެވެ.
"މީ ވަރަށް ފަހި ފުރުޞަތެކޭ ޙަޤީޤަތުގައި. މިތަނުގައި ތިއްބެވުން ހިލޭ، މިތަނުގައި ފަރިއްކުޅުއްވުން ހިލޭ. ގާތްގަނޑަކަށް ދެ ހަފްތާގެ ޗުއްޓީއެއް ނަންގަވާނަމަވެސް ވަޑައިގަންނަވަން އެންމެ ރަނގަޅު ޕްރޮގްރާމެއް މީ."
— ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މަނިޔަފުށިން ތަމްރީނު ހޯދާ ފަރާތްތަކުން ޢަމަލީ މައިދާނަށް ނުކުމެ މަސައްކަތް ފެށުމުގައި އެމް.އެމް.އާރް.އައި އާއި ވުޒާރާގެ ފުރިހަމަ އެއްބާރުލުމާއި ފަންނީ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެ ކަމަށެވެ.
މެރިކަލްޗަރ ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ޙަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދެވޭ، ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެކެވެ. މިއީ، ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމުގެ މަގުސަދުގައި ސަރުކާރުން ވޯލްޑް ބޭންކްގެ ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީގައި ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.