ކޮންމެ އިންތިޚާބަކާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކަށް ސިޔާސީ ބޭނުމުގައި މީހުން ނެގުމުގެ ސަބަބުން، މަސްވެރި ދޯނިތަކުން ދިވެހި މަސްވެރިން މަދުވެ، މުޅި ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށް ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަޙްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން "ކެޔޮޅާ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ވިދާޅުވީ، ގއ. އަތޮޅުގެ އެހެން ރަށްރަށެކޭ އެއްފަދައިން އެ ރަށުގައިވެސް މަސްވެރިކަމުގެ ހާލަތު ބޮޑުތަނުން ދަށްވެފައިވަނީ ސަރުކާރުގެ ސިޔާސަތުތައް ހުންނަ ގޮތުން ކަމަށެވެ. އެގޮތުން، އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކަށާއި އޮފީސްތަކަށް މީހުން ވައްދައި ބޭކާރު ވަޒީފާތައް ދިނުމުން، ދޯނިފަހަރުގައި މަހަށްދާން ތިބި ދިވެހިން ވަރަށް ބޮޑަށް މަދުވެގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ގަވާއިދާ އެއްގޮތަށާއި ގަވާއިދާ ހިލާފަށްވެސް އޮޑިފަހަރުގައި ބަންގްލަދޭޝް މީހުން ބޭނުންކުރަން މަޖުބޫރުވެ، އެމީހުންގެ މައްޗަށް މަސްވެރި ސިނާއަތް މިހާރު ބަރޯސާވާންޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުން ބޮޑެތި ސަބްސިޑީތަކެއް ހަރަދުކުރާއިރު، އޭގެއިން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަންވެސް ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ .އެގޮތުން، ކޮންމެ ދޯންޏެއްގައި 8 ދިވެހިން ތިބޭއިރު، 12 އާއި 18 އާ ދެމެދުގެ އަދަދަކަށް ބޭރު މީހުން ތިބޭކަން އޭނާ ހާމަކުރެއްވިއެވެ. އަދި މި މައްސަލަ ހައްލުކުރުމަށްޓަކައި، އިންތިޚާބުތަކުގައި ކުންފުނިތަކަށް ބޭކާރު މީހުން ސިޔާސީގޮތުން ވަޒީފާއަށް ނެގުން ހުއްޓާލުމަށް ރައީސް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
" ދެން އެހެންވީމަ މީގަ މަސްވެރިކަން އިތުރަށް ކުރިއަށް ދެވެން އޮތީ، މަސްވެރިންނަށް ކުރިއަށް އިތުރަށް ދެވެން އޮތީ، ސަރުކާރުގެ ސިޔާސަތުތަކަށް ހަރުދަނާ ބަދަލުތަކެއް ގެނެވިގެން. އަބަދަލުތަކަކީ އިންތިޚާބުތަކުގަ ކުންފުނިތަކަށް ނުވަތަ ސަރުކާރުތަކުގެ އޮފީސްތަކަށް ނަގާ މީހުން އެބަޖެހޭ ބޭކާރު މީހުން ނެގުން ހުއްޓާލަން." ކަނޑުހުޅުދޫ ކައުންސިލް ރައީސް އަހްމަދު ޝަހީމް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭކާރު މީހުންނަށް ވަޒީފާދޭ ދިނުން ހުއްޓާލާފަ މަސްވެރިން، އަދި ދޯނިތަކުގައި މަސްވެރި އާއިލާއެއް އުފެއްދުމަށްޓަކައި، މަސް ނުބާނާ ދުވަސްވަރު މަސްވެރި އާއިލާތަކަށް އެހީތެރިވުމަށް ޚާއްސަ ފަންޑެއް ގާއިމުކުރުން ވަރަށް މުހިންމުކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް އެކަށޭނެގޮތަކަށް ބައްޓަންކޮށްގެން ކުރިޔަށްނުދާނަމަ މަސްވެރިކަމުގެ ސިނާއަތައް މިއަށްވުރެވެސް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހިދާނެކަމުގެ ބިރު އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.