ރާއްޖޭގައި މެރިކަލްޗަރ ދާއިރާ އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން އެކަމަށް ޚާއްޞަ އިތުރު 10 ސަރަޙައްދެއް ކަނޑައަޅައިފިކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، އަލަށް ކަނޑައެޅުނު 10 ސަރަޙައްދާއެކު ރާއްޖޭގައި މެރިކަލްޗަރ މަސައްކަތްތަކަށް ޚާއްޞަކޮށްގެން ކަނޑައެޅުނު ސަރަޙައްދުތަކުގެ ޖުމްލަ ޢަދަދު މިހާރު ވަނީ 15 އަށް އިތުރުވެފައެވެ. މީގެ ކުރިންވެސް ސަރުކާރުން ވަނީ ފަސް ސަރަޙައްދެއްގައި މެރިކަލްޗަރ ޒޯންތައް ޤާއިމުކޮށް، އިންވެސްޓަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ފޯރުކޮށްދީފައެވެ.
އަލަށް ކަނޑައެޅުނު 10 ސަރަޙައްދު ބެހިފައިވަނީ ތ. އަތޮޅުން 2 ސަރަޙައްދު، މ. އަތޮޅުން 3 ސަރަޙައްދު، ފ. އަތޮޅުން 2 ސަރަޙައްދު، ދ. އަތޮޅުން 2 ސަރަޙައްދު އަދި ގއ. އަތޮޅުން 1 ސަރަޙައްދުގެ މައްޗަށެވެ.
މެރިކަލްޗަރ ސިނާއަތެއް އުފައްދައި ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާކަމަށް އެ ވުޒާރާއިން ބުނެއެވެ. އެގޮތުން، މި ސިނާއަތަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމުގެ ގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" އެއްވެސް ވަނީ ފަށާފައެވެ.
ސަރުކާރުން މެރިކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް ދެމުންދާ އިސްކަމުގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައި މި ދާއިރާއިން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމަކާއި ފައިދާއެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.