މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް (އެމްޓީއައި) އިން އިންތިޒާމުކޮށްގެން ހިންގާ "ނިޔަމިކަމުގެ ސެޓިފިކެޓް-2" ކޯހުގެ އާ ބެޗެއް މާލޭގައި ފެށުމަށް ހަމަޖެހި، ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 21 އޯގަސްޓް 2026 ގައެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އެކްރެޑިޓްކޮށްފައިވާ މި ކޯހަކީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭ މުހިންމު ފުރުޞަތެކެވެ. މި ކޯސް ފުރިހަމަކުރުމުން، ދިވެހިރާއްޖޭގެ އަތޮޅުތަކުން ބޭރަށް 24 ނޯޓިކަލް މޭލާ ހަމައަށް B, C އަދި D ފަންތީގެ އުޅަނދުފަހަރު ދުއްވުމަށް ބޭނުންވާ ކެޕްޓަންކަމުގެ ލައިސަންސް ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.
ޖުމްލަ 30 ދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި 30 ގަޑިއިރުގެ ކްލާސްތައް ކުރިއަށްދާނެއެވެ. ކޯހުގެ މޮޑިއުލްތަކުގެ ތެރޭގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ކޯސްޓަލް ނެވިގޭޝަން، ވޮޗްކީޕިންގ އަދި އުޅަނދުފަހަރު ދުއްވުމާ ގުޅޭ އަސާސީ މަޢުލޫމާތުތައް އުނގަންނައިދެވޭނެއެވެ. މި ކޯހުގެ ފީއަކީ 2،000 ރުފިޔާއެވެ.
މި ކޯހުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، ދިވެހި ނުވަތަ އިނގިރޭސި ބަހުން މުއާމަލާތު ކުރަން އެނގޭ ފަރާތްތަކަށެވެ. މީގެ އިތުރުން ލިޔަންކިޔަން އެނގުމާއެކު އަސާސީ ހިސާބު އެނގޭ ފަރާތަކަށް ވާންޖެހޭނެއެވެ.
ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާ ފުޅާވަމުން އަންނައިރު، މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ މިފަދަ ކޯސްތަކަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ތަމްރީނުލިބިފައިވާ ޤާބިލު ފަރާތްތައް އުފެއްދުމަށް ހިންގޭ މުހިންމު ކޯހެކެވެ.
މި ކޯހުގައި ބައިވެރިވުމަށް ނަންނޯޓު ކުރެއްވުމަށާއި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 9450555 ނަންބަރަށް ގުޅުއްވުމަށް ނުވަތަ ވައިބަރ/ވޯޓްސްއެޕް މެދުވެރިކޮށް ގުޅުއްވުމަށް އެ އިންސްޓިޓިއުޓުން އެދެއެވެ.