ރ. އިންނާމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށްޓަކައި، އެ ސަރަޙައްދުގައި ހުރި އުޅަނދުފަހަރާއި ތަކެތި ނެގުމަށް އިންނާމާދޫ ކައުންސިލުން އަންގައިފިއެވެ.
އިންނާމާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޙަލީމް ސޮއިކުރައްވައި މިއަދު ނެރުއްވާފައިވާ އިޢުލާނުގައިވާ ގޮތުން، އެ ސަރަޙައްދު ހުސްކުރުމުގެ މަސައްކަތް ކައުންސިލުން މިހާރު ވަނީ ފަށާފައެވެ.
ސަމާލުކަންދޭންވީ މުހިންމު ކަންކަމާއި މުއްދަތުތައް:
ވެރިން އެންގުން (3 ދުވަސް): އިޢުލާނާއެކު އާންމުކޮށްފައިވާ ފޮޓޯއާއި ޗާޓުން ފެންނަ ތަކެތީގެ ވެރިން، 3 ދުވަހުގެ ތެރޭގައި ކައުންސިލަށް ޙާޟިރުވެ ނުވަތަ ވައިބަރ (7380052) ނުވަތަ އީމެއިލް (info@innamaadhoo.gov.mv) މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރަންޖެހޭނެއެވެ. މަޢުލޫމާތު ފޮނުވާއިރު އައިޑީކާޑު ކޮޕީއާއި ގުޅޭނެ ފޯނު ނަންބަރު ހުށަހަޅަންވާނެއެވެ.
ތަކެތި ނެގުން (7 ދުވަސް): ރަޖިސްޓްރީކުރާ އުޅަނދުފަހަރާއި ތަކެތި، އިޢުލާންކުރާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ ސަރަޙައްދުން ނަގައި ހުސްކުރަންޖެހޭނެއެވެ.
ނުނަގާ ހުންނަ ތަކެއްޗާމެދު އަމަލުކުރާނެ ގޮތް: ދެވިފައިވާ މުއްދަތުގައި މަޢުލޫމާތު ނުފޮނުވާ ނުވަތަ ނުނަގާ ހުންނަ ތަކެއްޗަކީ ވެރިއަކު ނެތް ތަކެތި ކަމުގައި ބަލައި، ކައުންސިލްގެ އުޞޫލުތަކުގެ ދަށުން ނައްތާލެވޭނެއެވެ. އަދި މިފަދަ ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާއެއް ނުނަގާނެއެވެ.
ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި އިންނާމާދޫގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.