ރ. ދުވާފަރު ބަނދަރު ސަރަހައްދުންނާއި ތޮށިގަނޑު ކައިރިއަށް ޖަމާވެފައިވާ ވެލި ދޫކުރުމާއި ވިއްކުމުގެ ހުރިހާ ޙަރަކާތްތަކެއް ވަގުތީގޮތުން ހުއްޓާލުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ދުވާފަރު ކައުންސިލްގެ އިދާރާއިން ނެރުއްވި ރަސްމީ އިޢުލާނެއްގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މިއަދުން ފެށިގެން އެރަށުުގެ ބަނދަރު ސަރަޙައްދުންނާއި، ތޮށިގަނޑު ކައިރިއަށް އަރާފައިވާ ފަސްގަނޑުން ވެލި ދޫކުރުމާއި ވިއްކުން ހުއްޓާލައިފައިވާކަމަށެވެ.
އެ އިދާރާއިން އިތުރަށް މަޢުލޫމާތު ދެއްވާ ގޮތުގައި، މި ސަރަޙައްދުތަކުން އަލުން ވެލި ދޫކުރަން ނުވަތަ ވިއްކަން ފަށާނެ ތާރީޚެއް ކުރިއަށް އޮތް ތަނުގައި އާންމުކޮށް އިޢުލާނު ކުރެވޭނެއެވެ.











