މި ހިނގާ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ރޭގެ ދަންވަރު ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުންޖަހާލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު 3 މީހުން ހޯދުމަށްޓަކައި ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ކަނޑުމަގުންނާއި ވައިގެމަގުން ބަލައި ނިންމާލާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް)އިން ބުނެފިއެވެ.
އޮގަސްޓް 5 ވަނަ ދުވަހު ދޯނި ބަންޑުންޖަހާލި ވަގުތު ކައިރީގައި އޮތް ލޭންޑިންގ ކްރާފްޓަކާއި، ޕޮލިސް ލޯންޗެއްގެ އިތުރުން އެމްއެންޑީއެފް ލޯންޗަކުން ވަނީ ދޯނިން ފުންމާލި މީހުންނާއި ސަލާމަތްވި މީހުން ސަލާމަތްކޮށްފައެވެ. ނަމަވެސް، މި ހާދިސާގައި ދޯނީގެ ކެޕްޓަން މުޙައްމަދު ހަމްދޫން (35އ) އާއި، މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި އުޅުނު ޕޮލިސް ސާޖަންޓް ޢަލީ ނާފިއު (33އ) އަދި އެމްއެންޑީއެފް ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39އ) ވަނީ ގެއްލިފައެވެ.
ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތަފްޞީލު
ހާދިސާ ހިންގިތާ 11 ދުވަސް ފާއިތުވެފައިވާއިރު، 16 އޮގަސްޓް 2026 ގެ އިރުއޮއްސި 18:00 އާ ހަމައަށް ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން، ހުވަދޫ ކަނޑުގެ އިތުރުން ހައްދުންމަތި (ލ. އަތޮޅު) އާއި ހުވަދުއަތޮޅު އުތުރުބުރީގެ ފަރުތަކާއި ގޮނޑުދޮށްތައް ވަނީ ބަލާފައެވެ:
ވައިގެ މަގުން ބެލި ސަރަޙައްދު: 17,220 އަކަ ނޯޓިކަލް މޭލު.
ކަނޑުމަގުން ބެލި ސަރަޙައްދު: 2,790.10 އަކަ ނޯޓިކަލް މޭލު.
ފަރުތަކާއި ގޮނޑުދޮށްތައް: 288 އަކަ ނޯޓިކަލް މޭލު.
ބޭނުންކުރެވުނު ވަޞީލަތްތަކާއި ބައިނަލްއަޤްވާމީ އެހީތެރިކަން
މި އޮޕަރޭޝަންގައި ގެއްލުނު މީހުން ހޯދުމަށްޓަކައި ޒަމާނީ ވަޞީލަތްތަކާއި ބައިނަލްއަޤްވާމީ އެހީތެރިކަން ވަނީ ހޯދާފައެވެ:
އެމްއެންޑީއެފް ޓީބީ2 ޑްރޯންސް: އިންފްރާރެޑް ސެންސަރު ބޭނުންކޮށްގެން ރޭގަނޑުވެސް ކަނޑުމަތި ބެލޭ ޓީބީ2 ޑްރޯން އަދި މޯލްޑިވިއަންގެ އެއަރކްރާފްޓް ވަނީ ބޭނުންކޮށްފައެވެ.
ކޯސްޓްގާޑް ޝިޕް އިމާދުއްދީން: އޮސްޓްރޭލިޔާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ބޭނުންކޮށްގެން ކަނޑުމަގުން ބެލުމުގެ މަސައްކަތް ކުރިއަށްދިޔައެވެ.
އެމެރިކާ ނޭވީގެ ޕީ8 މަތިންދާބޯޓު: ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަށް، އެމެރިކާ ނޭވީގެ ޚާއްޞަ ސަރޗް އެންޑް ރެސްކިޔު ޕީ8 މަތިންދާބޯޓުން އިއްޔެ ވަނީ 6,300 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި، މުޅި ހުވަދޫ ކަނޑު އެއްކޮށް ބަލައިފައެވެ.
ކަނޑުމަތިން ފެނުމުގެ ފުރުޞަތު ކުޑަ
އެމްއެންޑީއެފުން ވިދާޅުވީ، ދޯނި ކުއްލިގޮތަކަށް ބަންޑުންޖަހާލައި އަޑިއަށް ގޮސްފައިވަނީ 1,600 މީޓަރަށްވުރެ ފުން ސަރަޙައްދަކަށް ކަމަށެވެ. މިއީ އިންސާނުންނަށް ޑައިވް ކުރެވޭނެ ފުންމިނެއް ނޫން ކަމަށާއި، އަދި ބޭރު ޤައުމުތަކުގެ އަސްކަރީ ނިއުކްލިއަރ ސަބްމެރިންތަކަށްވެސް ހަރަކާތްތެރިވެވޭ ވަރަށްވުރެ ފުން ސަރަޙައްދެއްކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.
މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ގެއްލިފައިވާ 3 މީހުން ކަނޑުމަތިން ފެނުމުގެ ފުރުޞަތު ކުޑަކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.