ގއ.ގެމަނަފުށީގައި މީގެ ދިހަ ބާރަ އަހަރު ކުރިއާ އަޅާބަލާއިރު މަސްވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ދަށްވެ، ޒުވާން މަސްވެރިން އުފެދޭ މިންވަރު މަދުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ގެމަނަފުށީ ކައުންސިލުގެ ނައިބު ރައީސް އަބްދުލް ހަންނާން ފާޅުކުރައްވައިފިއެވެ.
ހަންނާން "ކެޔޮޅާ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މީގެ ކުރިން ގެމަނަފުށީގެ އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތަ މީހުންނަކީ މަސްވެރިކަމުގެ ދާއިރާއިން ނަފާ ހޯދަމުން އައި ބައެއް ކަމަށެވެ. ނަމަވެސް، އެއާ އަޅާބަލާއިރު މިހާރު މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނާއި، ދާއިރާއަށް ނުކުންނަ ޒުވާން މަސްވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މަސްވެރިކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކައުންސިލުގެ ނައިބު ރައީސް ވިދާޅުވީ، މަސް ބާނަން ކުރަންޖެހޭ ޚަރަދާ އަޅާބަލާއިރު މަހުގެ އަގު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި ގެމަނަފުށީގައި މަސްވެރިކަންކުރަމުން އަންނަނީ ބޮޑެތި އޮޑިދޯނިފަހަރު ކަމަށްވާތީ ގިނަ އަދަދަކަށް ތެޔޮ އަންދަންޖެހޭއިރު، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މަހަށް ނުފުރި ގިނަ ދުވަސްތަކެއް ވަންދެން މަސްވެރިން ތިބެންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގެމަނަފުށީގެ މަސްވެރިންނަކީ މުޅި ހުވަދު އަތޮޅުގައިވެސް ނަންމަޝްހޫރު، އުތުރާއި ދެކުނުގެ ކަނޑުތަކުގައި 100 އާއި 150 މޭލު ބޭރަށް ދަތުރުކޮށްގެން މަސްބާނާ ހިތްވަރުގަދަ ބައެއްކަން ފާހަގަކުރައްވަމުން، ނައިބު ރައީސް ވިދާޅުވީ ސަރުކާރުން މަސްވެރިންގެ ހިތްވަރު ދަނެ މަސްވެރިކަން ކުރިއަރުވަން އިހުނަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"ޓޫރިޒަމް ސިނާއަތު ކުރިއަރުވަން މަސައްކަތް ކުރާ ފަދައިން ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަންވެސް ސަރުކާރުތަކުން މަސައްކަތް ކުރަންޖެހޭ. އެކި ދިމަދިމާލުގައި މަސް ރައްކާކުރާނެ ކެޕޭސިޓީ ގާއިމްކުރި ނަމަވެސް، މަސްވެރިން މަހަށް ފުރަން ކުރާ ހަރަދަށް، ވަކީން ޚާއްޞަކޮށް ތެލަށް ސަރުކާރުން ސަބްސިޑީއެއް ދިނުން މުހިންމު،" ކައުންސިލުގެ ނައިބު ރައީސް ވިދާޅުވިއެވެ.
ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުވުމާ މެދު ސުވާލުކުރުމުން ކައުންސިލުގެ ނައިބު ރައީސް ވިދާޅުވީ، ކައުންސިލުން އަބަދުވެސް އޮޑިވެރިންނާއި މަސްވެރިންނާއެކު ގާތް ގުޅުމެއް ބައްވަމުންދާ ކަމަށެވެ. އަދި ޒުވާނުންނަށް މަސްވެރިކަމުގެ ފައިދާ އޮޅުންފިލުވައިދީ، ދާއިރާއަށް ލޯބިޖެއްސުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ޒުވާނުންގެ ފޯރި ހުންނަ ޑައިވިންގ ފަދަ ދާއިރާތަކުން ކުދިން ބިނާކުރުމަށް ކައުންސިލުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.