މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) ގުޅިގެން ކުރިއަށްގެންދާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ މިއަހަރުގެ ދެވަނަ ކޯސް ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ފެށިގެން ކުރިއަށް އެބަދެއެވެ.
މި މަހުގެ 8 އިން 20 އޮގަސްޓްގެ ނިޔަލަށް ކުރިއަށްދާ މި އަސާސީ މެރިކަލްޗަރ ކޯހަކީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުޤުވެރިވާ މީހުން ބިނާކުރުމަށްޓަކައި ހިންގާ ކޯހެކެވެ.
ޒުވާނުންނަށް އައު ފުރުޞަތުތަކެއް އަދި ސަރުކާރުގެ އަމާޒު
މި ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ "ހަފްތާ 14" މަގުޗާޓުގައި ހިމަނުއްވާފައިވާ މުހިންމު ވައުދުތަކުގެ ތެރެއިން، ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމަށް ދޭ އިސްކަން އިތުރުކުރުމުގެ ގޮތުން އަހަރަކު 2 ކޯހުގެ ބަދަލުގައި މިހާރު ވަނީ އަހަރަކު 4 ކޯސް ހިންގުމަށް ނިންމަވާފައެވެ. މިއަހަރުގެ ފުރަތަމަ ކޯސް ވަނީ ޖެނުއަރީ މަހު ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައެވެ.
ވާރލްޑް ބޭންކުގެ އެހީތެރިކަން
ވާރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ "ޓްރާންސްފޯމް ޕްރޮޖެކްޓް" ގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރުމެވެ.
މި ޕްރޮގްރާމުގެ ސަބަބުން ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެ، ދިވެހި މަސްވެރިކަމުގެ ސިނާއަތު ސިންދަފާތުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އާމްދަނީ ހޯދޭނެ އައު ވަސީލަތްތައް ޒުވާނުންނަށް ފަހިވެގެންދާނެއެވެ.