މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި ގއ. ވިލިނގިލީ ކައުންސިލް ގުޅިގެން "ތުތި ބޯވަދިލަމަސް ބޭނުމުގެ ތަމްރީން 2026" ގއ. ވިލިނގިލީގައި ހިންގުމަށް ނިންމައި، އެ ތަމްރީނުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޟި ހިނގާ އޯގަސްޓުމަހުގެ ފަހުކޮޅު ހަތަރު ދުވަހުގެ މުއްދަތަކަށް ހިންގާ މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް، ވިލިނގިލީ ކައުންސިލްގެ ވައިބަރ ނަންބަރު، 7260027 އަށް މެސެޖްކޮށް ނަން ނޯޓް ކުރުމަށް ވިލިނގިލީ ކައުންސިލުން އެދިފައި ވެއެވެ.
މި ތަމްރީނުގައި ތުތި ބޯވަދިލަމަސް ބާނާނެގޮތާއި، އޭގެ ވިޔަފާރި ފެށުމާއި ހިސާބު ބެލެހެއްޓުމާއި، ވިޔަފާރި ފެއްޓުމާއި ވިޔަފާރީގެ ވައްތަރުތަކާއި، މާކެޓްކުރުން އަދި މާކެޓް ސާވޭ ކުރާނެގޮތްތައް ބައިވެރިންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން، ވިޔަފާރީގެ ފައިދާއާއި ގެއްލުން ބެލުމާއި، ވިއްކާ ބާވަތްތައް އަގުމަގު ކުރުމާއި، ކާބޯތަކެތި ބަންދުކުރުމާއި ލޭބަލް ކުރުމާއި، ކާބޯތަކެތި ބަންދުކުރުމުގެ މުހިންމުކަމާއި ލޭބަލް ކުރުމުގެ ފައިދާއާއި، ކާބޯތަކެތީގެ ލޭބަލްގައި ހިމެނޭ ބައިތަކާއި، އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ ސެޝަންތައް ކުރިޔަށްގެންދަން ހަމަޖެހިފައި ވެއެވެ. މި ތަމްރީން ޕްރޮގްރާމްގެ މުދައްރިބުންގެގޮތުގައި ހަރަކާތްތެރިވާނީ މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަންނުވެރިންނެވެ.











