ނ.ކެނދިކުޅުދޫ ކައުންސިލް އިދާރާއާއި އައިލެންޑް އިނިސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިޔުކޭޝަން ގުޅިގެން ކެނދިކުޅުދޫގައި ނިޔަމިކަމުގެ ސެޓްފިކެޓް 2 ކޯސް ހިންގުމަށް ހަމަޖެހި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.
ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ އިޢުލާނުގައިވާ ގޮތުން މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރަންޖެހޭނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.
ކޯހުގެ ފީއެއްގެ ގޮތުގައި ބައިވެރިއެއްގެ އަތުން 2,000 (ދެހާސް) ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، މި ކޯސް ކުރިއަށް ގެންދެވޭނީ މަދުވެގެން 15 ބައިވެރިން ހަމަވުމުން ކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުނެއެވެ. މި ކޯހާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ފޯނު ނަންބަރު 6560013 އަށް ގުޅުއްވުމަށް ކައުންސިލުން އެދިފައިވެއެވެ.











