ދިވެހިރާއްޖޭގެ ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގެ ސިނާއަތް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެއްތުމަށާއި، މި މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
މިގޮތުން، ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޕްރޮސެސިންގ ލައިސަންސް ނަގާފައިނުވާ ފަރާތްތަކަށް ލައިސަންސް ނެގުމުގެ ފުރުޞަތު އިއްޔެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.
މި ލައިސަންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 20 އޮގަސްޓް 2026 އެވެ. ހުށަހެޅުންތައް ކުރިއަށް ގެންދާނީ މިނިސްޓްރީގެ ކެޔޮޅު ޕޯޓަލް (keyolhumv) މެދުވެރިކޮށެވެ.
ކައްޗަލަ އަދި ސައިޓީސް މުޢާހަދާ
ރާއްޖޭގައި ނަގާ ހުއިފިލަނޑާގެ ބާވަތްތަކުގެ ތެރެއިން ކައްޗަލަ (Thelenota anax) އަކީ ބައިނަލްއަޤްވާމީ މައިދާނުގައި ޚާއްޞަ ސަމާލުކަމެއް ލިބިފައިވާ ބާވަތެކެވެ. މިއީ ދުނިޔޭގެ ފެންވަރުގައި މި ބާވަތުގެ އާބާދީ ދައްވަމުންދާކަމުގެ ހެކިތަކަށް ބިނާކޮށް، 2022 ވަނަ އަހަރު ބޭއްވުނު ސައިޓީސް ބައްދަލުވުމުގައި އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ބާވަތެކެވެ.
ސައިޓީސް މުޢާހަދާގެ ދަށުން މިފަދަ ބާވަތްތައް ބޭރު ގައުމުތަކަށް އެކްސްޕޯޓްކުރެވޭނީ ހަރުދަނާ އުސޫލުތަކެއްގެ މަތިންނެވެ:
މެނޭޖްމަންޓް އޮތޯރިޓީ ހުއްދަ: އެކްސްޕޯޓްކުރެވޭނީ ކަމާބެހޭ މައި އިދާރާގެ ޚާއްޞަ ހުއްދައެއް ލިބިގެންނެވެ.
އެންޑީއެފް ކަށަވަރުކުރުން: މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ތައްޔާރުކުރާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެންޑިއެފް) އިން، އެ ބާވަތް ނަގާ މިންވަރަކީ އާބާދީއަށް ގެއްލުން ނުވާނެ މިންވަރެއްކަން ކަށަވަރުކުރެވެންޖެހެއެވެ.
ކޯޓާ ބަހާލުމާއި ސިނާއަތް ތަރައްޤީ ކުރުން
މި ބާވަތުގެ ހުއިފިލަނޑާ އެކްސްޕޯޓް ކުރެވޭނެ ވަކި މިންވަރެއް (ކޯޓާ) އެމްއެމްއާރްއައި އިން މިހާރު ވަނީ ކަނޑައަޅާފައެވެ. އަދި ވޭތުވެދިޔަ 3 އަހަރު ދުވަހު މި ސިނާއަތުގައި ހަރަކާތްތެރިވެ، ލައިސަންސް ނަގާފައިވާ ފަރާތްތަކުގެ މެދުގައި ކޯޓާ ބަހާލާނެ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ޒަމާނީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފުޅާކުރުމަށް ގެންގުޅުއްވާ ތަސައްވުރުގެ ދަށުން އަޅަމުންދާ މުހިންމު ފިޔަވަޅެއްގެގޮތުގައި މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކޮށްފައި ވެއެވެ.