ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން އިތުރަށް ގޯސްވެ، ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މޫސުމީ ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށެވެ. މި ސަރަޙައްދަށް މޫސުން ގޯސްވާނެ ކަމަށް ބެލެވެނީ މިއަދު (11 އޯގަސްޓް) ހަވީރު 17:00 އިން ފެށިގެން މިރޭގެ 23:00 އާ ހަމައަށެވެ.
މޫސުމީ ތަފްސީލު:
ވިއްސާރަ: ބޯކޮށް ވާރޭވެހުމާއެކު ގުގުރުން
ވައިގެ ބާރުމިން: އާންމުކޮށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު
ވިލާގަނޑުގެ ވައި: ގަޑިއަކު 45 މޭލަށް ވައިގަދަވުން
ކަނޑުގެ ހާލަތު: ކަނޑުތައް ގަދަވާނެ
ދަތުރުވެރިންނަށް ސަލާމަތީ އިރުޝާދު
ކަނޑުތައް ގަދަވެ، ކުއްލިއަކަށް ވައި ބާރުވާނެތީ، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި، މަސްވެރިންނާއި، ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން އުޅަނދުގެ ސަލާމަތީ ކަންކަމާއި މުވާޞަލާތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަގީންކުރުމަށްވެސް އެދިފައިވެއެވެ.