ސައިޓީސްގައި ހިމެނޭ ހުއިފިލަނޑާގެ ބާވަތެއް ކަމަށްވާ އެމްބަރފިޝް އެކްސްޕޯޓުކުރުމަށް ފަސޭހަ މަގުތަކެއް ހޯދައިދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ގުޅިގެން ހުއިފިލަނޑާ އެކްސްޕޯޓުކުރާ ފަރާތްތަކާއެކު ކާމިޔާބު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިޔަށް ދިޔައީ، ފިޝަރީޒް މިނިސްޓްރީގައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ސައިޓީސްގެ މިންގަނޑުތަކާ އެއްގޮތަށް ބައިނަލްއަގުވާމީ ވިޔަފާރި ކުރިއަށްގެންދިއުމާއެކު، ނޮން-ޑިޓްރިމެންޓް ފައިންޑިންގް (އެންޑީއެފް) ތަންފީޒުކުރުމާ ގުޅޭގޮތުން ކަމަށެވެ.
މީގެ އިތުރުން ވިޔަފާރިވެރިންނަށް ފަސޭހަ އަދި ސާފު ނިޒާމެއް ގާއިމުކޮށް، މި މުހިންމު ވަސީލަތް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.
ރާއްޖޭގައި ހުއިފިލަނޑާގެ މަސްވެރިކަމާއި އެކްސްޕޯޓުގެ ވިޔަފާރިއަކީ ރަނގަޅު އާމްދަނީއެއް ލިބޭ، ކުރިމަގު އުޖާލާ ސިނާއަތެކެވެ. މި ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަކީ ރާއްޖޭގެ އިގުތިސާދަށާއި އެކްސްޕޯޓަރުންނަށް އޭގެ އެންމެ ފުރިހަމަ މަންފާ ލިބި، ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ.