ވިލާގަނޑުގައި ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ހެނދުނު 08:15 އިން ފެށިގެން މެންދުރު 02:00 އާ ހަމަޔަށް ހުދު ސަމާޅު ނެރެފައިވަނީ ނ އަތޮޅުން ފެށިގެން ލަ އަތޮޅު ހިމެނޭ ސަރަހައްދަށެވެ. މި ސަރަހައްދަށް ހުދ ސަމާލު ނެރެފައިވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްނެވެ. އަދި ސަމާލު ނެރެފައިވާ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
ކުރިޔަށް އޮތް 24 ގަޑީއިރަށް މޫސުން ކުރިޔަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެންވާކަމަށެވެ.
ވައިޖެހޭނަކަމަށް ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ޢަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
ކަނޑުތައްވެސް މިއަދު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ. ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ 3 – 6 ފޫޓު އުސްމިނުގައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާތީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދަތުރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ގޮވާލާފައިވެ އެވެ.











