ގއ. ކޮނޑޭއަށް ޚާއްސަކޮށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ގާއިމުކުރި ވަދުކަނދުފަތި ކަނޑައިގެން ދިޔަތާ އަހަރަކާ ގާތްވެއްޖެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން މުނިފޫހި ފިލުވުމަށާއި، ސްޕޯޓްސް ފިޝިންގއަށް ޚާއްސަކޮށްގެން ގާއިމުކުރަމުންދާ ވަދުކަނދުފަތީގެ ވިއުގައިގެ ދަށުން، ގއ ކޮނޑޭއަށް ޚާއްސަ ވަދުކަނދުފަތި ގާއިމުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 27 ވަނަ ދުވަހުއެވެ. ކަނދުފަތި ގާއިމުކޮށްފައިވަނީ ގއ. ދިގުދޫގެ އިރުން 5 މޭލު ބޭރުގައެވެ.
ކޮނޑޭ ކައުންސިލުން ބުނީ ވަދު ކަނދުފަތި ގާއިމުކުރިތާ މަހެއް ނުވަނީސް އެ ކަނޑައިގެން ގޮސްފައިވާކަމަށެވެ. އަދި، ކަނދުފަތި ކަނޑައިގެން ދިޔަކަމުގެ ރިޕޯޓް ކައުންސިލަށް ލިބުމާއި ގުޅިގެން، ކަނދުފަތި ކަނޑައިގެން ދިޔަތޯ ޔަގީންކުރުމަށް ކައުންސިލްގެ ފަރާތުން ދަތުރެއްކޮށް ކަނދުފަތީގެ ޕޮޒިޝަން އަދި ވަށައިގެންވާ ސަރަހައްދުން 1.5 މޭލުގެ ސަރަހައްދެއް ބެލި ކަމަށެވެ. އަދި، ކނަދުފަތި އެސަރަހައްދުން ފެންނަން ނެތުމާއިއެކު، ކަނދުފަތި ކަނޑައިގެން ދިޔަކަން ކަށަވަރުކޮށް މަސްވެރިކަމާ ބެހޭ ވުޒާރާއަށް ސިޓީއަކުން 29 ސެޕްޓެމްބަރު 2025 ގައި އެންގި ކަމަށެވެ. އަދި އޭގެ ޖަވާބުގައި މިނިސްޓްރީން ފޮނުވި ސިޓީގައި، ކަނޑައިގެންދިޔަ ކަނދުފަތީގެ ބަދަލުގައި އާ ކަނދުފައްޗެއް ގާއިމުކޮށްދޭނެކަމުގެ ޔަގީންކަން މިނިސްޓްރީން ދީފައިވާކަމަށް ކައުންސިލުން ބުންޏެވެ.
މިކަމާއި ގުޅިގެން ކޮނޑޭ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އާމިރު ވިދާޅުވީ، ކޮނޑޭއަކީ ކަޅުބިލަމަސްވެރިކަން ކުރާ ރަށެއް ނޫންނަކަމުން އެރަށުގެ ރައްޔިތުން ކެއުމަށްވެސް ބަރޯސާވަނީ ފަރުމަސްވެރިކަމަށްކަމަށާއި، އަދި އެރަށަކީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރަމުން އަންނަ ރަށަކަށްވެފައި އެކަމުގައިވެސް އަދި ރަށުގެ ޒުވާނުންވެސް މުނި ފޫހި ފިލުވުމަށް ފަރުމަސްވެރިކަން ކުރަމުން އަންނާތީ، ހުރިހައި ގޮތަކުންވެސް ވަދު ކަނދުފައްޗަކީ އެރަށަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.
އާމިރު ވިދާޅުވީ ސަރުކާރުގެ ތެރެއިން ކުރެވުނު މަސައްކަތުން އެރަށުގައި އެޅި ކަނދުފަތި މާގިނަ ދުވަސް ތައްކެއް ނުވަނީސް ކަނޑައިގެން ދިއުމުން އެރަށުގެ ރައްޔިތުންނަށް އޭގެ މަންފާއެއް ނުލިބޭ ކަމަށެވެ. ޢަދި އެ އަލުން ގާއިމުކުރުމަށް މަސައްކަތް ކުރެވުނު ނަމަވެސް މިހާތަނަށް އާއިރު ކަނދުފަތި އަލުން އަޅައިދީފައި ނުވާތީ ސަރުކާރުގެ ފަރާތުން މިވަގުތު ކައުންސިލުން އެންމެ ބޮޑަށް އެދޭކަމަކީ ވީހާވެސް އަވަހަށް އެރަށުގެ ކަނދުފަތި އަލުން އަޅައިދިނުމަށް ކަމަށް އާމިރު ވިދާޅުވީ ޢެވެ.