ގދ. ފިޔޯރީގައި ސަރުކާރުން ގާއިމުކުރާ މަސް ޕްރޮސެސިންގ ފެކްޓަރީ އަޅަން ހަމަޖެހިފައިވާ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އަމަލީ މަސައްކަތް ފަށާފައިވަނީ އެކަމަށް ޚާއްސަކޮށްގެން މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފެވެ. މި ރަސްމިއްޔާތުގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ބައިވެރިވެވަޑައިގެންނެވިއެވެ.
މަސް ފެކްޓްރީ މަޝްރޫޢު ފެށުމަށްޓަކައި ބޭނުންވާ 6.5 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް ކުރަނީ ސެން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މި މަސައްކަތް އެކުންފުންޏާ ހަވާލުކުރީ ރައްޔިތުންނާ ގުޅުންހުރި ތަރައްގީގެ ބައެއް މަޝްރޫއު ހަވާލުކުރުމަށް ނޮވެންބަރު 8، 2025 ވަނަަ ދުވަހު ސަރުކާރުގެ ފަރާތުން ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ފިޔޯރީ މަސް ފެކްޓަރީއަކީ، ދެކުނުގެ މަސްވެރިކަން އިތުރަށް ތަރައްގީކޮށް މަސްކިރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ތަންފީޒުކުރަމުންދާ ސިޔާސަތުގެ ތެރެއިން، އަލަށް އެޅުމަށް އިޢުލާނުކޮށްފައިވާ މަސް ފެކްޓަރީއެކެވެ. މި ފެކްޓަރީ ތަރައްގީކުރަނީ ދުވާލަކު 100 ޓަނުގެ ދަޅުމަސް ބަންދުކުރެވޭގޮތަށް، 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 100 ޓަނުގެ ފިޝް މީލް ޕްލާންޓަކާއި، 50 ޓަނުގެ އައިސް ޕްލާންޓެއް ހިމެނޭގޮތަށެވެ.
ފިޔޯރީ މަސް ފެކްޓަރީ ނިންމައި އޮޕަރޭޝަނަށް ގެނައުމުން، މަސްވެރިންނަށް އެކަށީގެންވާ އަގުގައި މަސް ގަންނަން ލިބި، އާ ވަޒީފާގެ ފުރުޞަތުތައް އުފެދި، ރަށުގެ އިޖުތިމާޢީ އަދި އިގުތިސާދީ ހާލަތު ރަނގަޅުވެ،މަސްވެރި ސިނާއަތައް އޭގެ ހެޔޮ މަންފާ ލިބިގެންދާނެއެވެ.