މިއަދު ހެނދުނު ބަންޑުން ޖަހާލި ”ބަލްމާ – 6“ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިޔަށްދާކަމަށް އެމްއެންޑީއެފާ ފުލުހުން ބުނެފިއެވެ.

ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި މުދާ އުފުލާ މި ބޯޓް ކ. ވާދޫ ކައިރިން ބަންޑުން ޖަހާލި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 07:27 ހާއިރުއެވެ. ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ބޯޓްގައި ތިބި ދެމީހަކު އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކުން ނަގާފައިވާއިރު، އަނެއް ދެމީހުން ވަނީ ގެއްލިފައެވެ. އެއީ ދިވެއްސަކާއި ބިދޭސީއެކެވެ.

އެމްއެންޑީއެފްއިން ބުނީ މިހާދިސާއާއި ގުޅުގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ފުލުހުންވެސް ބުނީ، ގެއްލުނު ދެމީހުން ހޯދުމުގެ މަސައްކަތުގައި ފުލުހުންވެސް ހަރަކާތްތެރިވަމުން އަންނަކަމަށެވެ.