ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް(އެފްއެފްސީ)ގައިހުރި ބައު ދަނގަޑާއި ކަޅުތެޔޮ ނީލަމުގައި ވިއްކާލުމަށް، އެ ކޮމްޕްލެކްސް ހިންގަމުން އަންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ނިންމައިފިއެވެ.
މިފްކޯއިން ނީލަމުގައި ވިއްކާލަން ނިންމާފައިވަނީ ފެލިވަރުގައި ހުރި، 70 މެޓްރިކްޓަނުގެ ޖަންކް ސްކްރެޕް އާއި 124 މެޓްރިކްޓަނުގެ ޓީއެފް އެސް ސްކްރޭޕްމެޓަލް އަދި 90 ފީފާ ކަޅު ތެލެވެ. މި ޢަދަދުތަކަކީ، އަންދާޒާ ޢަދަދުތަކަކަށްވުމާއެކު، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެއްކަމުން ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް ފެލިވަރުން 7679060 ނަންބަރު ފޯނާ ގުޅާލުމަށް މިފްކޯއިން އެދިފައި ވެއެވެ.
މިފްކޯއިން މިއަދު ވަނީ މި ތަކެތި ގަތުމަށް އެދޭ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ނީލަމުގައި ބައިވެރިވުމަށް އެކުންފުނީގެ އީމެއިލް bid@mifco.mv މެދުވެރިކޮށް މާދަމާ ހެނދުނު 11:00 ކުރިން ރަޖިސްޓްރީކޮށްލެވޭނެއެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކުން ނީލަމުގެ ސެކިއުރިޓީ ޑިޕޮސިޓްގެގޮތުގައި 25،000 ރުފިޔާ ބަހައްޓަން ޖެހެއެވެ. ޑިޕޮސިޓް ފައިސާ މިފްކޯގެ ބޭންކް އެކައުންޓަށް ޖަމާކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު 13:00 އާއި 16:00 ދެމެދުކަމަށާއި، ކަނޑައަޅާފައިވާ ގަޑީގެފަހުން ޖަމާކުރާ ފައިސާ ބަލައި ނުގަނެވޭނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ. މިފްކޯއިން ބުނީ، ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ރައްދުކޮށްދޭނެކަމަށެވެ. އަދި، ނީލަން ކާމިޔާބުކުރާ ފަރާތަށް، އެ ފަރާތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެކަމަށްވެސް މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން ބުނީ، ނީލަން ކިޔުން އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެކުންފުނީގެ ހެޑް އޮފީސް މީޓިންގ ރޫމްގައި ކަމަށެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، ބާދަނޑު މެޓްރިކްޓަނަކަށް އަދި ކަޅުތެޔޮ ލީޓަރަކަށް ހުށަހަޅާ އެންމެ މަތީއަގު ލިޔުމަކުން ހުށަހެޅުމުން، ހުށަހެޅިފައިވާ އެންމެ މަތީ އަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ. ނީލަން ފަށާއިރު އެފަރާތެއްގެ އަގު ސީލްކުރެވިފައިވާ ސިޓީއަކުން ހުށަނާޅާ ފަރާތްތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ.