ލ. ކަލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
ކަލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން އެމްޓީސީސީއާއެކު ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު ކަލައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައ،ި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އަބްދުލް މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއ،ި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއ،ި ގަމު ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، 38,137 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއ،ި 10,728 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުންކުރުމާއ،ި 230,010 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ،ި 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއ،ި 20 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއ،ި 99 މީޓަރުގެ ސަރަހައްދެއްގައި ބޭރުތެރެއަށް ވެލިތޮއްޓެއް ޖެހުމާއ،ި 72 މީޓަރުގެ ސަރަހައްދެއްގައި އެތެރެވަރިއަށް ވެލިތޮއްޓެއް ޖެހުމާއ،ި 64 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއ،ި 41 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 2195 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫޢަކީ 74.95 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
1072 މީހުންގެ އާބާދީއެއް ދިރިއުޅޭ ކަލައިދޫގެ ބަނދަރަކީ އަތޮޅުގެ އެންމެ ގިނަ ރައްޔިތުން ބޭނުންކުރާ އެއް ބަނދަރެވެ. ނަމަވެސް، ކަލައިދޫގައި އޮތް ބަނދަރުގެ ޖާގައިގެ ދަތިކަން ރައްޔިތުން ދަނީ ވަރަށް ބޮޑަށް ތަޙައްމަލު ކުރަމުންނެވެ. ނަމަވެސް، މިއަދު ސޮއިކުރި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، އުޅަނދުފަހަރު އަޅާނެ ޖާގަ ތަނަވަސް ބަނދަރެއް ލިބި، މުދާ ބަރުކުރުމާއި ލަފައި ފުރުމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ.