މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހދ. ނެއްލައިދޫގައި މަސްރޭހެއް ބާއްވަން ނިންމައިފި އެވެ.
ނެއްލައިދޫ ކައުންސިލުން ބުނީ، މަސް ރޭސް ބާއްވަނީ ކައުންސިލާއި، ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެންކަމަށެވެ. މަސްވެރިންގެ ދުވަސްކަމަށްވާ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު މަސްރޭސް ބާއްވަން ނިންމާފައިވާއިރު، ރޭހުގައި ބައިވެރިވާ ޓީމްތައް މަހަށް ފުރުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރު 04:30 ގައެވެ. އަދި ޓީމްތައް ރޭގަނޑު 10:00 ގެކުރިން ލަފަން ޖެހެއެވެ. ރޭސް ބާއްވަން ނިންމާފައިވާ ދުވަހު ރޭސް ބޭއްވޭވަރަށް މޫސުން ގޯސްވެއްޖެނަމަ ޖެހިގެން އަންނަދުވަހަށް ރޭސް ފަސްކުރެވޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ކައުންސިލުން އިއްޔެ ވަނީ، މަސްރޭހުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކަށް ނަން ނޯޓްކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެކަމަށް ކަނޑައަޅާފައިވާ ފޯމް ލިންކް https://forms.office.com/r/xY0t3iQRrx މެދުވެރިކޮށް ފުރައިގެން ނުވަތަ ކައުންސިލަށް ގޮސް ޓީމްތަކަށް ނަންނޯޓް ކުރެވޭނެކަމަށް ކައުންސިލުން ބުންޏެވެ. މަސްރޭހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 05 ޑިސެމްބަރ 2024، 13:00 ކަމަށާއި، ޓީމެއްގައި ބައިވެރިވެވޭނީ މަދުވެގެން 04 މީހުންނަށް އަދި ގިނަވެގެން ބައިވެރިވޭނީ 10 މީހުންނަށްކަމަށް ކައުންސިލުން ބުނެފައި ވެއެވެ.












