ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

އެ އިދާރާއިން ދެންމެ އާންމުކުރި ރީނދޫ ސަމާލެގައި ބުނެފައިވަނީ، ކ އަތޮޅުން ފެށިގެން އައްޑު ސިޓީ ހިމެނޭ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ޙާއްޞަ ގޮތެއްގައި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އާއްމުގޮތެއްގައި ވައިބާރުވެ ކަނޑުތައްގަދަވެ ވިއްސާރަކުރާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރީނދޫ ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް އެމްއެންޑީއެފުން ވަނީ އިންތިމާސްކޮށްފައެވެ.