މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ ފެސިލިޓީއެއްކަމަށްވާ ކަނޑުއޮތްގިރި ފިޝް ވިލެއްޖަށް، ބޮޑު ކަންނެލި ގަންނަން ފަށައިފި އެވެ.
މިފްކޯގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް(ރިޓާޔަޑް) ފަރުހަތު ޝަހީރު ވިދާޅުވީ ދުވަސްގަނޑަކަށް އެކުންފުންޏަށް ކަނޑުއޮތްގިރި ބީވެފައި އޮތުން ނިމުމަކަށް އައިސް، އެ ކުންފުންޏާ ހަވާލު ހިސާބުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކުންފުނީގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތާއެކު ކަނޑުއޮތްގިރި މަސް ގަންނަން ތައްޔާރުކޮށް މިއަދުން ފެށިގެން ކަންނެލި ގަންނަން ފަށާފައިވާކަމަށެވެ. އަދި ކަނޑުއޮތްގިރީގެ އިތުރުން މާލެ ސަރަހައްދުންވެސް ބޮޑު ކަންނެލި ގަންނާނެކަމަށާއި، އިއްޔެއިން ފެށިގެން އެތަނަށް 15 ކިލޯއިން މަތީގެ ކަންނެލި 25 ރުފިޔާގެ ރޭޓުން ގަންނަން ފަށާފައިވާކަމަށެވެ. ސީއީއޯ ވިދާޅުވީ އެ ފެސިލިޓީން ކަނޑުމަސްވެސް އާދައިގެ މަތީން ގަންނާނެކަަމަށާއި، މާލެ ސަރަހައްދުންވެސް ކަންނެލި ގަންނަމުންދާނެކަމަށެވެ.
ސީއީއޯ އިތުރަށް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި، ދާދި އަވަހަށް ކަނޑުއޮތްގިރީގައި ކޯލްޑް ސްޓޯރޭޖް ގާއިމުކޮށް މަސްވެރިންނަށް އެތަނުން ތެލާއި އައިސްވެސް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށެެވެ. މީގެ އިތުރުން ކުރިޔަށް އޮތް ތަނުގައި އެތަނުގައި ޕްރޮސެސް ކުރުމުގެ އިތުރުން މިފްކޯގެ އެހެން ސެންޓަރުތަކައް މަސް ގެންގޮސް ޕްރޮސެސްކޮށް އެތެރޭގެ ބާޒާރަަށް ނެރެ އަދި އެކްސްޕޯޓަށްވެސް އެމަސް ބޭނުން ކުރަމުން ދާނެކަމަށް ސީއީއޯ ވިދާޅުވިއެވެ.
ޖުމްލަ 4 ހެކްޓަރުގެ ކަނޑުއޮތްގިރިއަކީ މީގެ ކުރިން މިފްކޯއިން އުފައްދާ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބްގެ ގޮތުގައި ބޭނުންކުރަމުން އައި ފެސިލިޓީއެކެވެ. އޭރު ރެޑީ މޭޑް ނުވަތަ ތާޒާކަމާއެކު ވަގުތުން ގަނެގެން ކެވޭ ގިނަ ބާވަތްތައް އުފެއްދުމުގެ އިތުރުން ކަނޑުމަހާއި ކަންނެލި މަހުގެ ލޮއިންސްގެ ޕްރޮޑަކްޝަން މަސައްކަތްވެސް އެރަށުގައި ކުރަމުންދިޔައެވެ. މިފްކޯއިން އެތަން އަތުލައި އެމްއެންޑީއެފްއަށް ހަވާލުކުރުމާއިގުޅިގެން މިފްކޯއާއި ބޮޑުކަންނެލި މަސްވެރިން އެކަމާއި މާޔޫސްވެ ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް މިފްކޯއަށް އަނބުރާ އެރަށް ހަވާލުކޮށް މިހާރު މިވަނީ އަލުން އޮޕަރޭޝަނަށް ގެނެސްފައެވެ.
ކަނޑުއޮތްގިރި އަލުން މިފްކޯއާ ހަވާލުކޮށްފައި މިވަނީ އެރަށުގެ ބަދަލުގައި މިފްކޯއަށް ހުޅުމާލެއިން ހަމަޖައްސައިދިން 25،000އަކަފޫޓްގެ ބިމުގައި ބޮޑުކަންނެލި ޕްރޮސެސިންގ ފެސިލިޓީއެއް ގާއިމުކުރުމުގެ ތައްޔާރީތައް ވަމުން ދަނިކޮށްނެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މިތަން ގާއިމުކުރުމަށް ބޭނުންވާ ފަންޑިންގ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު(އައިއެސްޑީބީ)އިން ހަމަޖެހިފައިވާކަމަށެވެ.