މ. މުލަކުގައި 30 ޓަނުގެ އައިސްޕްލާންޓާއި 60 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް 3 ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
3 ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ރައރީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒު، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. އަދި 3 ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޑރ. އިކްލީލް ޝަރީފެވެ.
މި މަސައްކަތަކީ، މާލެއަތޮޅު މެރިކަލްޗަރ މަސައްކަތް އެވޯޑު ކޮށްފައިވާ 3 ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑު ކުންފުނީގެ އާންމު އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މުލަކުގައި ގާއިމުކުރާ އައިސްޕްލާންޓްގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.