މާލޭގެ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.
ނޯތު ހާބަރު އޮޕަރޭޓްކުރަމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންވަނީ އުސޫލަށް ގެނައި ބަދަލުތައް މިއަދު އާންމުކޮށް އިއުލާނުކޮށްފައެވެ. އެމްޕީއެލްއިން ބުނީ، މި ބަދަލަކީ އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލު ކުރަމުންދާ އުސޫލު އިތުރަށް ހަރުދަނާ ކުރުމުގެގޮތުން ގެނެވޭ ބަދަލެއް ކަމަށާއި، އަލަށް ގެނެވުނު ބަދަލުތަކަށް އަމަލުކުރަން ފަށާނީ މިމަހުގެ 14ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މި ގެނައި ބަދަލުތަކުގެ ތެރޭގައި، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރު، މާލެ ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމަށްފަހު، ފުރާވަގުތުން ފެށިގެން ކޮންްމެ ކިޔު އެއްގައިވެސް ނޯޓު ކުރުމުގެ ފުރުސަތު ލިބެއެވެ. ކިޔު ތަރުތީބުން ކީވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ 2 ދެ ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި، އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން ވަގުތީގޮތުން ”ހޯލްޑް“ ކުރެވޭނެއެވެ. އަދި ކިޔުގައި ދެން ހުރި އުޅަނދުތަކަށް ތަރުތީބުން ގުޅާ ޖާގަ ދެމުންގެންދާނެކަމަށް ބުނެފައި ވެއެވެ.
އޭ-ޒޯން އަދި ސީ-ޒޯނުން ”ހޯލްޑް“ ކުރެވޭ އުޅަނދުތައް އަލުން ކިޔުއަށް އިތުރުކުރެވޭނީ އެ އުޅަނދެއް ގްރޭޓަރ މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުންނެވެ. މިގޮތަށް ގުޅައި ”އަންހޯލްޑް“ ކުރުމަކީ އެ އުޅަނދެއްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއްކަމަށް އެމްޕީއެލްއިން ބުނެފައި ވެއެވެ. އަދި، މި ދެޒޯން މި ދެޒޯންގެ ކިޔުގައި ”ހޯލްޑް“ ކުރުމަށްފަހު އަލުން ކިޔުއަށް އިތުރުކުރާ އުޅަނދުތަކަށް، ޖާގައެއް ހުސްވެއްޖެނަމަ ގުޅާނީ ”އަންހޯލްޑް“ ކުރިތާ ދެގަޑިއިރު ފަހުންކަމަށާއި، އެ ވަގުތު ހަމަވުމުން އޮފީހުން ގުޅުމުންވެސް، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެނަމަ ޖާގަ ފަސްކުރެވޭނެއެވެ. މިގޮތަށް ފަސްކޮށްދެވޭނީ ގިނަވެގެން 3 (ތިން) ފަހަރުއެވެ. 4 ވަނަ ފަހަރު ކިޔުއިން ކެންސަލްވާނެއެވެ.
އެމްޕީއެލްއިން ބުނީ، އޭ-ޒޯން އަދި ސީ-ޒޯންގައި ”ހޯލްޑް“ ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެކްސްޕްރެސް ކިޔުގައި ”ހޯލްޑް“ ނުވަތަ ”ޕޯސްޓްޕޯން“ ކުރުމެއް ނޯންނާނެކަމަށެވެ. އަދި، އެކްސްޕްރެސް ކިޔުއިން ޖާގައެއް ހުސްވެގެން ގުޅުމުން، އެ ޖާގައަށް ކައިރިކުރުމަށް ލިބޭނީ ހަތަރު ގަޑިއިރުގެ ވަގުތެއްކަމަށާއި، މި ވަގުތަށް ކީވޯލް ޗާޖް ހިނގާނެކަމަށެވެ. މި 4 ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ، އެ އުޅަނދެއް ކިޔުއިން ކެންސަލްވާނެކަމަށް އެމްޕީއެލްއިން ބުންޏެވެ.
މީގެ އިތުރުން، އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން ”ހޯލްޑް“ ކުރުމަށްފަހު، ”އަންހޯލްޑް“ ނުކޮށް ގިނަވެގެން ބޭއްވޭނީ 5 ދުވަސް ނުވަތަ 120 ގަޑިއިރުކަމަށާއި، މި މުއްދަތު ހަމަވުމުން ކިޔުއިން އުޅަނދު އުނިކުރެވޭނެކަމަށްވެސް އެމްޕީއެލްއިން ބުނެފައި ވެއެވެ.