މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބާއްވާ ފަރުމަސްވެރިކަމުގެ މަސްރޭސް ފަށައިފިއެވެ.
’މަސްވެރިންގެ ދުވަހުގެ މަސްރޭސް 2025‘ ގެ ނަމުގައި ކުރިޔަށްގެންދާ މި މަސް ރޭސް ކުރިޔަށްދަނީ ރ. ދުވާފަރުގައެވެ. ރޭސް ފަށްޓަވައި ދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ. ރޭސް ފެށުމުގެ ރަސްމިއްޔާތުގައި ދުވާފަރު ކައުންސިލާއި، ފިޝަރީޒް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ދުވާފަރަށް ވަޑައިގެންނެވި ފަރާތްތަކާއި، ކެޔޮޅުންނާއި މަސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.
90 އަށްވުރެ ގިނަ ބައިވެރިންނާއެކު ހަވީރު 03:15 ގައި މަސް ރޭސް ފަށާފައިވަނީ އެރަށު ބަނދަރުންނެވެ. ރޭސް ނިންމާލާނީ މިރޭ 09:15 ގައެވެ. މި ރޭހުގައި ދުވާފަރުން ފަސް ޓީމް، އުނގޫފާރުން 4 ޓީމް އަދި ރަސްމާދޫން 1ޓީމް ހިމެނޭހެން ޖުމްލަ 10ޓީމަކުން ބައިވެރިވިއެވެ.












