ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ”ލިއޯ ޕާލް“ ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި ކަނޑުވި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) ބުނީ އެ އުޅަނދު ފުރޮޅާލައިގެން ފަސް މީހުން ކަނޑުވި ކަމަށާއި، އޭގެތެރެއިން ހަތަރު މީހަކު ސަލާމަތްކޮށް، ރޭ ފަތިހު ”ސީއެމްބިއުލާންސް 21“ އަށް ނެގިކަމަށެވެ.
ގެއްލުނު މީހާ ހޯދަން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ”ހަކުރާ“ ހަރަކާތްތެރިވި ކަމަށާއި، އެމީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނުނީ ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓްގެ ދަށުގައި އޮއްވައި ކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.












